ސިޔާސީ

މަނަދޫގައި މަދުވެގެން 50 ހައުސިންގ ޔުނިޓް އަޅައިދޭނަން - ރައީސް


ނ. މަނަދޫގައި މަދުވެގެން 50 ހައުސިންގ ޔުނިޓް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި މަނަދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަނަދޫ އަތޮޅު ހޮސްޕިޓަލްވެސް އިތުރަށް ސަރުކާރުން ތަަރައްޤީކުރައްވާނެ ކަމަށެވެ. އެގޮތުން އިތުރު ވަސީލަތްތައް އެރަށުގެ ހޮސްޕިޓަލްގައި ޤާއިމުކޮށް، ޒަމާނީ ސިއްޙީ ފަރުވާ ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަނަދޫގެ މަގުތައްވެސް ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެރަށުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމާއި، އެރަށު ފުޓުބޯޅަ ދަނޑާއި، ޒުވާނުންގެ މަރުކަޒު އިތުރު ވަސީލަތްތަކާއިއެކު ތަރައްޤީކުރައްވާނެކަަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙްވަނީ އަތޮޅުގެ އެހެން ރަށްތަކުގެ ތަރައްޤީއަށް ކުރުމަށް ނިންމާފައިވާ ކަންކަންވެސް ޙިއްސާކުރައްވާފައެވެ. އެގޮތުން މުޅި އަތޮޅުގެ 13ރަށުގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް ކުރުމަށް އެ އަތޮޅު ޅޮހީގައި އިތުރު 6 ކްލާސްރޫމް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ވިދާޅުވިއެވެ.

އަދި މާފަރުގައި ފެނާއި ނަރުދަނާ ނިޒާމު އެޅުމާއި، އެރަށުގެ ހެލްތު ސެންޓަރު އިތުރަށް ތަރައްޤީކުރުމާއި، ލަންދޫގެ ބަނދަރަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުންފަދަ މަސައްކަތްތައް ފައްޓަވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.