ސިޔާސީ

އިންތިޚާބުގައި ވާދަނުކުރަން ޕީޕީއެމްގެ ކެނޑިޑޭޓް ޒާހިދު ނިންމައިފި


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާއަށް ވާދަކުރަން ނިންމި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު އޭނާގެ ނަން އަނބުރާ ނެގުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާއަށް ވާދަ ނުކުރައްވަން ނިނެމެވިކަން ޒާހިދު ހާމަކުރެއްވީ ކެމްޕެއިނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ އޭނާގެ އޮފިޝަލް ކެމްޕެއިން ޕޭޖުގައެވެ. އަދި މިހާރު އެ ޕޯސްޓް އޭނާ ވަނީ ފޭސްބުކްގައިވެސް ޝެއާކޮށްފައެވެ.

ޒާހިދުގެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެކަމާމެދު އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދެއްކުމަށްފަހު ނަން ނެގުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ޒާހިދު ވާދަ ނުކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ. އަދި
އެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ކުރައްވަން ނިންމަވާފައިވާކަންވެސް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ޒާހިދަކީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ދެއްވުމަށްފަހު އަނބުރާ ޓިކެޓް އަތުލައްވާފައިވާ ބޭފުޅެކެވެ. އަދި އެ ޕާޓީން ވަނީ ޒާހިދަށް ދެއްވި ޓިކެޓް އަތުލެއްވުމަށްފަހު ޖުމްހޫރީ ޕާޓީން އެ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓަށް ތާއީދުކުރަން ނިންމާފައެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކޮށް އެހެން ބަޔަކު ޕީޕީއެމްއާއި ޕީއެންސީގެ ކޮންޓްރޯލް ނަގައި ޕާޓީ އަޅުވެތިކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ޒާހިދު ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމުންނާއި އެ ޕާޓީންވެސް ވަކިވެފައެވެ.