ޚަބަރު

ދިއްދޫގައި ކުރިއަށްގެންދިޔަ "ފަތަން ދަސްކުރަމާ" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި


ބީއެމްއެލް ދިއްދޫ ބްރާންޗާއި ދިއްދޫ ޕޮލިސް ސްޓޭޝަން އަދި އަމިއްލަ ޖަމިއްޔާއެއްކަމަށްވާ މިޑިލް ސްޕޯރޓްސް ކުލަބު ގުޅިގެން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެހީތެރިކަމާއެކު އެސުކޫލުގެ ގްރޭޑް 4 ގެ ދަރިވަރުންނަށް އަމާޒުކޮށްގެ ކުރިއަށް ގެނެދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު މިއަދު ނިންމާލާފިއެވެ.

ޖުމްލަ 82 ދަރިވަރުން ބައިވެރިވި މިޕްރޮގްރާމުގައި 25 މީޓަރާއި 50 މީޓަރަށް ދަރިވަރުން ފަތާފައިވާއިރު ފެނުގެ މަތީގައި ފްލޯޓްކޮށްގެން ތިބުމަށްވެސް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

މިއަހަރުގެ ފުރަތަމަ މިޑް-ޓާރމް ބަންދާ ދިމާކޮށް ބީއެމްއެލް ދިއްދޫ ބްރާންޗުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިހަރާކާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހއ. އަތޮޅުގެ ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލްޤައްޔޫމް ވަނީ ފަތަން ދަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ގިނަ ޢަދަދެއްގެ ދިވެހިންގެ ފުރާނަ ސަލާމަތްވީ ފަތަން އެނގުމުގެ ސަބަބުން ކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މާރޗް މަހުގެ 10 ވަަނަ ދުވަހުން މާރޗް 16 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންގެ އިތުރުން މިޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށް ގެނަދިއުމަށްޓަކައި އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީލިޔުން ދީފައިވެއެވެ.