ޚަބަރު

އަމާންކަން ނަގާލައި ދޭދޭ ޤައުމުތަކުގެ މެދުގައި ފިތުނަ އުފައްދަން ސަރުކާރުން ޖާގައެއް ނުދޭނެ- ރައީސް


ޤައުމުގެ މަސްލަހަތާއި އަމާންކަން ނަގާލުމަށްފަހު ދޭދޭ ޤައުމުތަކުގެ މެދުގައި ފިތުނަ އުފައްދަން ކުރާ މަސައްކަތްތަކަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނައިފަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ޚިޔާލު ފާޅުކުރުމަށް ހުރަސް އަޅާފައިވާ ގާނޫނުތައް ބާތިލްކޮށްފައިވާ ކަމަށާއި އެ މިނިވަންކަން މި ސަރުކާރުން ނުހިފަހައްޓާނެ ކަމަށެވެ. ނަމަވެސް އަމަން އަމާންކަން ގެއްލުވާލައި ދޭދޭ ޤައުމުތަކުގެ މެދުގައި ފިތުނަ އުފައްދަން ކުރާ އެއްވެސް މަސައްކަތަކަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށެވެ.

މި ޖަލްސާގައި ރައީސް ވަނީ ނައިފަރުގެ ތަރައްގީއަށް ކުރަން ނިންމާފައިވާ ކަންކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން އެރަށުގެ ބިން ހިއްކުމާއި މަގުތައް ހެދުމުގެ މަސައްކަތާއި 100 ހައުސިން ޔުނިޓްގެ މަސައްކަތާއި އަތޮޅު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމާއި 1000 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް އެރަށު އިންޖީނުގެއަށް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ރައީސް ޞާލިޙް ކުރައްވާ މި ދަތުރުފުޅުގައި ޅ. ނައިފަރަށާއި ކުރެންދޫއަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޙަރަކާތްތަކުގައި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.