ޚަބަރު

ޝިމާ ހޯދަން ކުރިއަށްގެންދާ އޮޕަރޭޝަނަކީ އެންމެ ބޮޑު އެއް އޮޕަރޭޝަން - ކޯސްޓްގާޑް


ފެބްރުއަރީ މަހުގެ 22ވަނަ ދުވަހު ގެއްލުނު ޝިމާ ނާފިޒް ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންއަކީ، އެމްއެންޑީއެފް ކޯސްޓްގާޑްގެ ތާރީހުގައިވެސް ހިންގާ އެންމެ ބޮޑު އެއް އޮޕަރޭޝަންކަމަށާއި، މި އޮޕަރޭޝަން މިހާރު ތްރީ ޑައިމެންޝަން އޮޕަރޭޝަންއެއްގެ ގޮތުގައި ކުރިއަށްގެންދާކަމަށް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ކޯސްޓްގާޑުގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މޭޖަރ އަޙުމަދު މުޖުތަބާ ވިދާޅުވީ، 22 ފެބްރުއަރީއިން ފެށިގެން މިހާތަނަށް، ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ.

އެގޮތުން ގއ.ވިލިގިލީގައި ޤާއިމުކޮށްފައިވާ ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ކޯޑިނޭޓްކޮށްގެން ކޯސްޓްގާޑްގެ ޝިޕާއި، ހެލިކޮޕްޓަރާއި އަންޑަރވޯޓަރ އާރްއޯވީ ބޭނުންކޮށްގެން ޝިމާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން މޭޖަރ އަހުމަދު މުޖުތަބާ ފާހަގަކުރެއްވިއެވެ.

"22 ފެބްރުއަރީއިން ފެށިގެން މިހާތަނާހަމައަށްވެސް ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް އެބަގެންދަން. އެގޮތުން ވިލިގިލީގައި ޤާއިމުކޮށްފައިވާ ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ކޯޑިނޭޓްކޮށްގެން ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުންމިދަނީ." މޭޖަރ އަޙުމަދު މުޖުތަބާ ވިދާޅުވިއެވެ.

ޢުމުރުން 19 އަހަރުގެ ޝިމާ ފާއިޒް ގެއްލިފައިވަނީ މިދިޔަ މަހުގެ 22ވަނަ ދުވަހެވެ. އޭނާ ގެއްލުނީ ލ.ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ޑިންގީއެއްގައި ދަތުކުރަމުންދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެންކަމަށް ޝިމާއާ އެންމެފަހުން ބައްދަލުވި އިބްރާހީމް ފަޒީލު ބުނެއެވެ.