ސިޔާސީ

އަނިޔާވެރި އަމަލުތަކާއި ހަމަނުޖެހުންތަކަށް ފުރުސަތު ނުދޭނަން-


ރާއްޖޭގެ ހަމަޖެހުން ނަގާލާ ބަޔަކީ މާރާމާރީ ހިންގާ މީހުން މެރުމަށް ހިތްވަރުދޭ މީހުން ކަމަށާއި، އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާރާމާރީ ހިންގާ، މީހުން މަރާ ގާތިލުން ހޯދުމަށްވުރެ ބޮޑަށް އެފަދަ އަމަލުތައް ހިންގުމަށް ހިތްވަރުދޭ މީހުން އެނގެން ބޭނުންވާ ކަމަށެވެ.ފުލުހުންގެ ޚިދުމަތަށް 82 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ބޮޑެތި ޖަރީމާތައް ހިންގާ މީހުން އުޅޭހާހިނދަކުކިތަންމެމަސައްކަތެއްފުލުހުންކުރިނަމަވެސް އެކަންކަން ހުއްޓުވުމަށް ދަތިވާނެ ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތަކަކީ މިއަދުގެ ސަރުކާރަށް ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.ދިވެހި ރައްޔިތަކޭ އެއްފަދައިން ބިދޭސީއެއް މަރާލުމަކުން ސަރުކާރަށް ތަފާތެއް ނެތްކަމަށާއި، އެފަދަ ރަހުމު ކުޑަ ކަންކަން ކުރާ ފަރާތްތަކާއި ދެކޮޅަށް ސަރުކާރުން ތެދުވެއެކަންކަން ހުއްޓުވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވިއެވެ.ރާއްޖޭގައި އިންސާފު ގާއިމު ކުރެވޭނެ ނިޒާމު އެބަހުރިކަމަށާއި، ފުރަތަމަ މަރުހަލާގެ ކޯޓުގެ އިތުރަށް އިސްތިއުނާފުގެ ދެ މަރުހަލާވެސް އެބައޮތްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އޭގެ ބަދަލުގައި އެހެން ނުފޫޒުތައް އައިސް ރާއްޖޭގެ ހުރިހާ ނިޒާމެއް ފުނޑުކޮށްލެވޭނެ ކަމަށް ވިސްނުމަކީ ނުބައި ހީއެއްކަމަށެވެ. އަދިއެމަނިކުފާނުގެ ސަރުކާރުން އެފަދަކަމަކަށް ޖާގަ ނުދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.ރައީސް ޔާމީންގެ ވާހަކަފުޅުގައި ސަރުކާރުގެ ތެރޭގައި ގާނޫނުގެ ބާރު ހިނގާނެ ކަމަށާއި، ގާނޫނުތައް ނަގަހައްޓާ ދެމެހެއްޓުމުގައި ކުރަމުންދާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.އިދިކޮޅު ފަރާތްތަކުން އަޑު އުފުލިޔަސް ރާއްޖޭގެ ކަންކަން ބަލަން ބޭރު މީހުން ނާންނާނެކަމަށާއި، ސަރުކާރު ދެމި އޮތްހާ ހިނދަކު ބޭރުގެ ނުފޫޒު ރާއްޖެއަށް ނުފޯރާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކިތައްމެ ބޮޑު ފާޑެއް ކީނަމަވެސް ޤައުމުގެ ސިޔާދަތައް ގެއްލުންވާ އެއްވެސްކަމަކަށް ޖާގަ ނުދެއްވާނެކަމަށާއި، މުޅި ދައުލަތުގެ އަމަނާއި ދައުލަތުގެ ސަލާމަތަށް ވުރެ މުހިންމު ކަމެއް އެމަނިކުފާނުގެ ސަރުކާރަށް ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން ސަރުކާރަށް ފާޑު ވިދާޅުވިޔަސް ރާއްޖޭނެ މިނިވަން ކަމަށް ބުރޫ އަރާ ފަދަ ގޮވާލުންތައް ނުގޮވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ ގާނޫނު ހިންގުމުގައި ވަކި ގޮތެއް ގެންގުޅެން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.ރާއްޖޭގެ ހަމަޖެހުމާއި މުޖުތަމައުގެ އަމަންއަމާން ކަމަށް ކުރާ މަސައްކަތުގައި ފުލުހުން ފަސް ނުޖެހުމަށް ފުލުހުންނަށް ރައީސް އެދިވަޑައިގެންނެވިއެވެ. ފުލުހުން ތިބީ ގާނޫނު ދަމަހައްޓަން ނަމަ މުޖުތަމައަށް ފުލުހުންގެ މަސައްކަތަށް ވުރެ މުހިންމު މަސައްކަތެއް ނޯންނާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.