ޚަބަރު

އެހީތެރިވި އެއްވެސް ޕާޓީއަކަށް ދެރަގޮތެއް ނުހަދާނަން - ރައީސް


ރިޔާސީ އިންތިޚާބުގެ ކުރިން ވެވަޑައިގެންނެވި ވަޢުދުފުޅުތަކާ، ދުރަށް ވަޑައިނުގަންނަވާ ކަމަށާ، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެހީތެރިވެދިން އެއްވެސް ޕާޓީއެއްގެ މަތިން ހަނދުމަފުޅު ނުނެތޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙްއްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޕާޓީތަކާއި ދިވެހި ރައްޔިތުން އެމަނިކުފާނަށް ތާޢީދު ކުރެއްވީ އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުތަކާއި ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ ސަބަބުން ކަމަށާ ޕާޓީތަކާއި ރައްޔިތުންނަށް އެވަޢުދުތައް ފުއްދަވައި ދެއްވަންޖެހޭކަން ހަނދުމަފުޅު ނުނެތޭކަމަށެވެ.
ރައްޔިތުން އެމަނިކުފާނު އިންތިޚާބު ކުރެއްވީ ކޮރަޕްޝަ ނައްތާލައި އަނިޔާވެރިކަމުން ސަލާމަތްވެ ތަފާތެއްނެތި އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަން ފެށުނީއްސުރެވެސް މަސަތްކަތް ކުރައްވަމުން ގެންދަވަނީ އެވައުދުފުޅުތައް ފުރިހަމަ ކުރެއްވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަނިޔާވެރި ވެރިކަމާއި ދެކޮޅަށް 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެބުރަ މަސައްކަތްތަކެއް ކުރީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި ޢަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމް ކަމަށާއި މިހާރު އޮތް އެމަނިކުފާނުގެ ސަރުކާރުން، މިއިން އެއްވެސް ފަރާތަކަށް ދެރަގޮތެއް ނުހައްދަވާނެކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ރައީސް ޞާލިޙް ކުރައްވާ މިދަތުރުފުޅުގައި ޅ.ނައިފަރަށާއި ކުރެންދޫއަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީހަމަޖެހިފައެވެ.