ސިޔާސީ

އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ބޭއްވި ޙަރަކާތް ހުއްޓުވައިފި


އިންޑިއާ ސިފައިންނާއި ރާއްޖެއިން ފޮނުވާލުމާއި ގުޅޭގޮތުން ބާއްވަން އުޅުނު ޙަރަކާތް ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުން އެ ޙަރަކާތް ހުއްޓުވީ އެ ހަރަކާތް ބޭއްވުމަށް އާރޓިފިޝަލް ބީޗު ދޭން ހުއްދަ ދިން ސިޓީ ކައުންސިލްގެ ޝަކުވާއަށް ފުލުހުންނަށް ހުށަހަޅާފައިވާތީއެވެ. ފުލުހުން ވިދާޅުވީ ޕީއެންސީގެ ފަރާތުން އާރޓިފިޝަލް ބީޗުގައި ޙަރަކާތެއް ކުރިއަށް ގެންދިއުމަށް އެދި މާލެ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވި ކަމަށާއި އެހެންކަމުން ޕީއެންސީން އެދުނު ގޮތަށް އާރޓިފިޝަލް ބީޗު ފަސް ގަޑިއިރަށް ޕީއެންސީއަށް ދޫކުރުމަށް ސިޓީ ކައުންސިލުން ހުއްދަވެސް ދީފައިވާ ކަމަށެވެ.

ނަމަވެސް އާރޓިފިޝަލް ބީޗު ސަރަޙައްދުގައި ޙަރަކާތެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރީ، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތިން އާރޓިފިޝަލް ބީޗު އެވަގުތު ދޫކޮށްފައިވާ ޕީއެންސީއަށާއި އުމަރު ނަސީރަށް އެކަންތައް އަންގާ އެ ސަރަޙައްދު ރަސްމީކޮށް ދޫކޮށްފައިވާ ގޮތާއި އެއްގޮތަށް ތަންފީޒު ކޮށްދިނުމަށް ސިޓީ ކައުންސިލުން އެދިވަޑައިގަންފައިވާތީ އެކަމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޙަރަކާތް ވަގުތުކޮޅަކަށް ފަށައިގެން ކުރިއަށް ގެންދެވުނެވެ. އަދި ބައެއް މީހުން ވާހަކަވެސް ދެއްކިއެވެ. އެގޮތުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ދިވެހި ޤައުމުގެ ބިމުން އެންމެ ވެލި ފުކެއްވެސް ބޭރުގެ ފަރާތްތަކަކަށް ނުދޭނެ ކަމަށެވެ. އަދި އެމީހުން މަސައްކަތް ކުރަމުން ދަނީ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ ދިފާޢުގައި ކަމަށްވެސް ބައެއް މީހުން ބުންޏެވެ.

މި ޙަރަކާތް ބާއްވަން މަސައްކަތް ކުރި މިއީ ދެވަނަ ފަހަރެވެ. ކުރިންވެސް މި ޙަރަކާތް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް ޙަރަކާތް ބާއްވާނެ ތަނެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އުމަރު ވަނީ ރާއްޖޭގައި ދެން އެންމެ ބޮޑު މުޒާހަރާއެއް ކުރާތަން ފެންނާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށެވެ.