ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރުގެ އޮފީހެއްގެ ދޮރުމަތީގައި ކިޔުޖެހެންޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށާ މިސަރުކާރުގެ އަމާޒަކީ އަތްފޯރާ ފަށުގައި ފްލެޓް ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެމްޕެއިން ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ތަފާތުކުރުމުގެ ސިޔާސަތެއް އޮވެގެން ނުވާނެކަމަށާ ސަރުކާރުން ހުރިހާ ޚިދުމަތެއްވެސް ފޯރުކޮށްދެން ޖެހޭނީ އިންސާފްވެރިކަމާއި ހަމަހަމަ އުސޫލަކުންކަމަށެވެ. އެގޮތުން ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރު އޮފީހެއްގެ ދޮރުމަތީގައި ކިޔުޖެހެން ޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެސަޤާފަތް ނައްތާލަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"ބޯހިޔާވަހިކަމެއް ހޯދުމަށް ރާއްޖޭގެ، މާލޭގެ އާބާދީގެ އެންމެންއައިސް ސަރުކާރުގެ އޮފީހެއްގެ ދޮރުމަތީ ކިޔުޖެހެން ޖެހޭނެކަމަކަށް ގަބޫލެއް ނުކުރަން. އެ ސަޤާފަތް ނެތިގެންދާން އެބަޖެހޭ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރާއްޖެއިން ފްލެޓް ގަންނަން ލިބެނީ ވަރަށް ބޮޑުއަގުގައިކަމަށާ ބޯހިޔާވަހިކަން ބޭނުންވަނީ ހަމައެކަނި މުއްސަންދިން ނޫންކަމަށެވެ. ނަމަވެސް މިހާރު ހުރިއަގުގައި ފްލެޓް ގަނެވޭނީ ހަމައެކަނި ފޯރާ މީހުންނަށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެން ކަމުން ނިކަމެތިންނާއި، މެދުފަންތީގެ މީހުންނަށްވެސް ފްލެޓް ގަނެވޭނެ އަގަކަށް އަގުތައް ތިރިކުރަންޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.
"ބޯހިޔާވަހިކަން ބޭނުންވަނީ ހަމައެކަނި ނިކަމެތިންނަކަށް ނޫން. ނިކަމެތިންނަށްވެސް މެދުފަންތީގެ އާއިލާ ތަކަށްވެސް. ތަނަވަސްކަން ހުންނަ ފަރާތްތައްވެސް ބޯހިޔާވަހިކަން ބޭނުންވޭ. ސަރުކާރުން ކޮށްދޭންޖެހޭނެ ކަމަކީ ބާޒާރުގައި ރައްޔިތު އެންމެންނަށް އެކި ގިންތީގެ މީހުންނަށް އެބަޔަކަށް ގަނެވޭނެ އަގަކަށް އެ ހިފަހައްޓައިދިނުމަށް ގެންނަންޖެހޭ ގާނޫނީ އޮނިގަނޑު ގެނެސްދިނުން." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ޢާއިލާއެއް އުފެދުމުން ސަރުކާރުން އެމީހާ ދިރިއުޅޭނެ ގޯއްޗެއް ދިނުމަކީ އެންމެ ކުރީ ޒަމާނުއްސުރެއްވެސް އޮންނަ އުސޫލު ކަމަށާ ނަމަވެސް މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނާއި މާލެގައި ވަޒަންވެރިވެގެން އުޅޭ ޢާއިލާތަކަށް އެފުރުސަތު މިއަދު ނެތްކަމަށެވެ. އެހެންކަމުން ފްލެޓް ގަންނަން މަޖޫބޫރުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.