ސިޔާސީ

ކްރިމިނަލް ކޯޓްގެ 4 ފަނޑިޔާރެއްގެ މައްޗަށް އަބުރުގެ ދައުވާ


ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ މައްޗަށް އަބުރުގެ ދަޢުވާ ކުރައްވަން ރައީސް ނަޝީދު ނިންމަވައިފިކަމަށް ނަޝީދުގެ އޮފީހުން ބުނެފިއެވެ.މިކަމާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަޝީދު ކޯޓުގައި ދެއްކެވި ވާހަކަތައް ތަފްސީލްކޮށްދޭ ބަޔާންތަކުގައި ސޮއިކުރައްވަން އިންކާރު ކުރެއްވި ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ ހަޤީޤަތާއި ޚިލާފަށްކަމަށެވެ.ކޯޓްގައި ދެއްކެވި ވާހަކަތައްކަމަށްބުނެ ލިޔުމެއް ދެއްކިކަމަށާއި އެހެންނަމަވެސް އެލިޔުމުގައި ކޯޓްގައި ދެއްކެވިވާހަކަތައްކަމަށް ނަޝީދު ވިދާޅުވި ވާހަކަތަކެއް އިތުރުކުރުމަށް އެދިވަޑައިގެންނެވުމުން އެކަން ކޯޓުން ކޮށްދީފައިނުވާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. އަދި މިބަޔާނުގައި ބުނެފައިވަނީ ޝަރީއަތް ނިންމިގޮތުގެ ރިޕޯޓްގައި ހިމަނަންޖެހޭ ބަޔާންތަކުގައި ނަޝީދު ލައްވައި ސޮއިކުރެއްވުމަށް ކޯޓުން މަސައްކަތްކޮށްފައިނުވާކަމަށެވެ.އެހެންނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައިވަނީ ބަޔާންތަކުގައި ސޮއިކުރެއްވުމަށް ތަކުރާރުކޮށް އެކޯޓުން މަސައްކަތްކޮށްފައިވާ ކަމަށާއި އެކަމަށް ކޮންމެ ފަހަރަކުވެސް ނަޝީދު އިންކާރު ކުރައްވާފައިވާކަމަށެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ނެރުނު މިބަޔާނުގައި ބުނެފައިވަނީ ނަޝީދު ބަޔާންތަކުގައި ސޮއިކުރައްވައިފިކަމަށް މިމަހުގެ 26 ވަނަ ދުވަހުގެރޭ ކޯޓުން ބުނެފައިވާކަމަށެވެ.ބަޔާންތަކުގައި ނަޝީދު ސޮއިކުރައްވައިފިކަމަށް ކޯޓުން ބުނުމުގެ ދެދުވަސްކުރިން ނަޝީދުވަނީ ދަށުކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ނުކުރައްވަން ނިންމަވާފައެވެ.