ވިޔަފާރި

ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ޙާއްސަ ކެމްފެއިނެއް ކުރިއަށްގެންދަނީ


ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމަށް ޙާއްސަ ކެމްފެއިނެއް ކުރިއަށްގެންދިޔުމަށް އެމްއެމްޕީއާރުސީން ނިންމައިފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވަނީ މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް އެހީތެރިވެދޭނެ އެޖެންސީއެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެމްއެމްޕީއާރުސީން މިހާރު ވަނީ ހުޅުވާލައިފައެވެ.

މެލޭޝިއާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކެމްޕެއިނުގައި ބިޒްނަސް ޓު ބިޒްނަސް އަދި ބިޒްނަސް ޓު ކޮންސިއުމަރުންނަށް އަމާޒްކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުން ހުސްވި އަހަރު ނިމުނު އިރު 93،000 ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ 2017 ވަނަ އަހަރު އެސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، %13.7 އިތުރު އަދަދެކެވެ.

ދެކުނު އިރުމަތީ އޭޝިއާ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ، މެލޭޝިއާ، ތައިލޭންޑް، ފިލިޕީންސް އަދި ސިންގަޕޫރުންނެވެ.