ސިޔާސީ

ޢާންމު ރައްޔިތުންގެ މަޢުލޫމާތުތައް ވަގަށް ނަގައި ވިއްކަނީ


ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ދިމާކޮށް އެތައް ޢާންމު ރައްޔިތުންގެ މަޢުލޫމާތު ހިމެނޭ ޑޭޓާ ބޭސް އެއް ވިއްކަމުންދާ މައްސަލައެއް ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް އެނގިފައިވާ ގޮތުގައި ޑޭޓާ ބޭސްތައް ވިއްކަމުން ދަނީ އައިޖީއެމްއެޗްގެ ކޮންސަލްޓަންޓެއްގެ ވަޒީފާ ކުރިން އަދާކުރި ޢަބްދުﷲ ޝުހޫދު އެވެ. އޭނާއަކީ ކުރީގެ ސަރުކާރުން އެ މަގާމަށް އައްޔަންކުރި މީހެކެވެ. އަދި އެނާއަކީ ކުރީގެ ސަރުކާރުގެ އިސް ބައެއް ވެރިންނާއި ގާތް ގުޅުމެއް އޮތް މީހެއްކަމަށް ބުނެވެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ބައެއް ކެނޑިޑޭޓުންނަށް ޝުޙުދު މިހާރރުވެސް ވަނީ މި ޑޭޓާބޭސްގެ ބައެއް މައުލޫމާތުތައް ވިއްކާފައެވެ. މި އެޕްލިކޭޝަންތައް އޭނާ ވިއްކަން ފަށާފައި ވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރިަފަހުންކަމަށް އެނގިފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް އެނގިފައިވާގޮތުގައި މީނާ އެޕްލިކޭޝަން ވިއްކަނީ 25،000 ރުފިޔާއަށެވެ. އަދި އެޕްލިކޭޝަން ބޭނުންވާ ކެންޑިޑޭޓަކަށް އެ އެޕްލިކޭޝަން ދެނީ އެޑްވާންސްގެ ގޮތުގައި ޖުމްލަ އަގުގެ ދެބައިކޮށްފައި އެއްބައި ދެއްކުމުންނެވެ. މި އެޕްލިކޭޝަންގައި މީހުންގެ އައިޑީ ކާޑު ނަންބަރާއި ފޮޓޯވެސް ހުރެއެވެ. އަދި މީނާ މިޑޭޓާ ބޭސް ނަގާފައިވަނީ އައިޖީއެމްއެޗްގެ ތެރެއިންކަންވެސް ވަނީ އެނގިފައެވެ.

އައިޖީއެމްއެޗުގެ އިތުރުން ޝުހޫދު ވަނީ އިންޓަލް އިންވެސްޓްމަންޓްސް އެންޑް މެނޭޖުމަންޓް ސަރވިސް ޕްރައިވެޓް ލިމިޓެޑުގައިވެސް އައިސީޓީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އަދި މީނާއަކީ އިންފޮމޭޝަން ޓެކްނޮލަޖީގެ ރޮނގުން މަތީ ތަޢުލީމް ޙާޞިލް ކޮށްފައިވާ މީހެކެވެ. އައިޖީއެމްއެޗުގައިވެސް ޝުހޫދު ވަނީ ސޮފްޓްވެއަރ ޑިިވެލޮޕަރެއްގެ މަޤާމުވެސް އަދާކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަޙްމަދު އަކްރަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ދިވެހި ރައްޔިތުންގެ ސިއްރު މައުލޫމާތުތަކެއް އާއްމުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލަ ވީހާ އަވަހަށް ތަހުޤީގުކޮށް ފިޔަވަޅު އަޅާދިނުމަށްވެސް އަކްރަމް ވަނީ ގޮވާލައްވާފައެވެ.

އަކްރަމް ވިދާޅުވީ އިލެކްޝަނުން ގެންގުޅޭ މަޢުލޫމާތުތަކުގައި ޢާންމު ރައްޔިތުންގެ ފޮޓޯއެއް އަދި ފޯނު ނަންބަރެއް ނުހުންނާނެ ކަމަށާއި އެހެންކަމުން އެއީ އިލެކްޝަންސް ކޮމިޝަނުން ލީކުވެގެން އުޅޭ މަޢުލޫމާތުތަކެއް ނޫން ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.