ސިޔާސީ

އޭޕީޑީޔޫގެ ވައިސް ޗެއާރޕަސަންގެ މަގާމަށް ޙަސަން ލަތީފް


ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ވައިސް ޗެއާރޕާސަންގެ މަގާމަށް އެމްޑީޕީގެ ޗެއާރޕާސަން ޙަސަން ލަތީފް އައްޔަން ކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއާރޕާސަން އަދި ޤާނުނީ ވަކީލް ޙަސަން ލަތީފް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްރީލަންކާގެ ޕްރައިމް މިނިސްޓަރު ރަނިލް ވިކްރަމަ ސިންހައާ އެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުވުމުގައި ރަނިލް ވިކްރަމަ ސިންހަ ވަނީ ޗެއާރޕާސަންގެ މަޤާމަށް އިންތިޚާބު ކުރައްވާފައެވެ.

އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ވައިސް ޗެއާރޕާސަންގެ މަގާމަށް ޙަސަން ލަތީފް އައްޔަން ކުރެއްވުމާއި ގުޅިގެން މަރުހަބާ ދަންނަވާ އެމްޑީޕީގެ ރަސްމީ ޓްވީޓަރ އެކައުންޓްގައި ވިދާޅުވެފައި ވަނީ ހަޞަން ލަތީފު އެމަގާމަށް ހޮވިވަޑައިގެންނެވީ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޤައުމުތަކުގެ އިއްތިފާގުން ކަމަށެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ޙަޞަން ލަތީފު ވިދާޅުވީ އެއީ ދިވެހިރާއްޖެއާއި އެމްޑީޕީގެ ސަރުކާރަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވަމު އަންނަ ދަނޑިވަޅެއްގައި މި ލިބުނު ކުރިއެރުމާއެކު ސަރުކާރުން ތަންފީޒު ކުރަން ބޭނުންވާ ކަންކަން އޭޕީޑީޔޫގެ ތެރެއިން ޙައްލު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަޞަން ލަތީފް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަޓިކް އުޞޫލުތަކާއި ހަމަތަކާއި އެއްގޮތަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށްވެފައި މި ފުރުޞަތުގެ ބޭނުން ކޮށްގެން މިހާރަށްވުރެވެސް ބޮޑަށް ޑިމޮކްރަޓިކް އުޞޫލުތައް ޤާއިމް ކުރުމަށް އެޕާޓީން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޙަސަން ލަތީފް ވަނީ އެއީ އޭނާއަށް ލިބުނު ކާމިޔާބީއަކީ އެ ޕާޓީއަށް ލިބުނު މަގާމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވަނީ ބަންގުލަދޭޝްގެ ނެޝަނަލިސްޓް ޕާޓީ ބީއެންޕީ އަކީ އޭޑީޕީޔޫގެ ޕާމަނަންޓް މެމްބަރެއްގެ ގޮތުގައި ހެދުމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެކި ޤައުމުތަކުގެ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އިއްތިފާގުން ނިންމަވާފައެވެ. އަދި ޝީޝަލްސްއާއި މޮރިސަސްގެ ސިޔާސީ ޕާޓިތައް ބައިވެރިކުރުމަށް މަޝްވަރާކޮށްފައެވެ.

ޙަސަން ލަތީފް ވިދާޅުވީ އޭޑީޕީޔޫގައި ޝީޝަލްސްއާއި މޮރިސަސްގެ ސިޔާސީ ޕާޓިތައް ބައިވެރިކުރުމަށް އެ ޤައުމުތަކާ މަޝްވަރާ ކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ އެމްޑީޕީއަށް ކަމަށާއި، އެހެން ކަމުން އެ ޖަމިއްޔާގައި ބައިވެރިވުމާއި މެދު އެ ދެ ޤައުމުގެ ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އުއްމީދަކީ ވަރަށް އަވަހަށް އެކަން ހަމެޖިގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން އައިޑީޔޫގެ މެމްބަރުން ހިމެނޭ އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންއަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތައް ހިފަހައްޓާ ޑިމޮކްރަސީ އާއި އެއްގޮތަށް އަމަލު ކުރުމަށް އެކި ޤައުމުތަކުގެ ސިޔާސީ ޕާޓީތައް ހިމަނައިގެން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.