ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖުގައި އަޅާ 16 މެގަވޮޓުގެ އިންޖީނުގޭގެ ޑިޒައިން މަސައްކަތް ނިމިއްޖެ


ސްޓެލްކޯއިން މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި އިމާރާތް ކުރުމަށް ނިންމާފައިވާ އިންޖީނުގޭގެ ޑިޒައިންގެ މަސައްކަތްތައް ނިމިފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މިއީ މާލޭގެ ހަކަތައިގެ ނިސްބަތް އިތުރު ކުރުމަށް އަޅާ 16 މެގަވޮޓުގެ އިންޖީނުގެއެކެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ ސްޕްރިންޓެންޑެންޓް އިންޖިނިއަރ އިބްރާޙީމް ރައޫފް ވިދާޅުވީ އެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް ބިޑަށް ހުޅުވާލައި، ފޯމްތައް އިވަލުއޭޓްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ސްޓެލްކޯއިން ބުނީ އިންޑަސްޓްރިއަލް ވިލެޖުގައި އަޅާ އިންޖީނުގެ އެޅުމުގެ މަސައްކަތް އަވަސް މުސްތަޤުބަލެއްގައި ފަށާނެ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި އަޅާ އިންޖީނުގޭގެ މަސައްކަތް ނިމުނު ކަމުގައިވިއަސް ކަރަންޓުގެ މައްސަލައަށް ދާޢިމީ ޙައްލެއް ގެނެވޭނީ ހުޅުމާލޭގައި ހަދާ ފިފްތު ޕަވަރ ޕްރޮޖެކްޓާއި އެކު ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި މަސައްކަތަކީ ސްޓެލްކޯއިން ކުރިއަށް ގެންދާ އެންމެ ބޮޑު ބޮޑު މަޝްރޫޢުވެސްމެއެވެ. މި މަސައްކަތް ފަށައިގެން ކުރިއަށްދާއިރު ރަޢޫފް ވިދާޅުވީ އެ ޕްރޮޖެކްޓް މެދުވެރިކޮށް ހުޅުމާލޭގައި ހަދާފައިވާ 50 މެގަވޮޓްގުގެ އެހީގައި ބޭނުންވެއްޖެ ކޮންމެ ޙާލަތެއްގައި މާލެއަށް ފަސޭހަކަމާއިއެކު ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.

"ހުޅުމާލެއާއި މަލެއާއި ދެމެދު އަޅާ އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން 132 ކިލޯވޮޓްގެ ޓްރާންސްމިޝަން ލައިނެއް އަޅާނެ. މާލޭއާއި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލައި މާލެއަށް ކަރަންޓު ދެވޭނެ." ރައޫފް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، މާލެއިން ކަރަންޓު ކެނޑި، ނުވަތަ މާލޭގައި ބަހައްޓާފައިވާ އިންޖީނަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ހުޅުމާލޭ އިންޖީނުގޭގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން، ވަގުތުން މާލެއަށް ކަރަންޓު ދެވޭނެއެވެ.

މި މަޝްރޫޢުގެ ތެރެއިން ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ތިލަފުއްޓާއި ގުޅީފަޅު އަދި ވިލިމާލެއާ ވެސް ކަރަންޓް އެއް ކޭބަލުން ގުޅާލާނެއެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން ވިލިމާލެއަށް ކަރަންޓު ދިނުމަށް ޚާއްސަ އިންޖީނުގެއެއް ވިލިމާލެއަކު ނުހުންނާނެއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯއިން ބުނާގޮތުގައި މާލޭގެ އިތުރުވަމުން އަންނަ އާބާދީއަށް، މިހާރުވެސް އެކުންފުނިން ގެންދަނީ 63 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެމުންނެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ އެއްލައްކަ ސާޅީސްހާހަށްވުރެ އިތުރުވެފައިވާއިރު، އެ އަދަދު އަހަރުން އަހަރުން އަންނަނީ އިތުރުވަމުންނެވެ. ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނިން މާލެއަށް ހަކަތަ ފޯރުކޮށްދިނުމަށް މިހާރު ޤާއިމުކޮށްފައިވާ ހަކަތައިގެ މިންވަރަކީ 67 މެގަވޮޓްކަމަށެވެ.

އެހެންކަމުން ސްޓެލްކޯގެ ކަރަންޓުގެ ކެޕޭސިޓީ ހުރި މިންވަރު އިތުރުކުރަންޖެހިފައިވާކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.