ވިޔަފާރި

ބޭރުގެ އިންވެސްޓްމަންޓުތަކަށް ޚާއްސަ ޤާނޫނެއް ޗައިނާގައި ފާސްކޮށްފި


ބޭރުގެ އިންވެސްޓަރުންނަށް ގިނަ ހައްޤުތަކެއް ލިއްބައިދޭ ފޮރިން އިންވެސްޓްމަންޓާ ގުޅޭ އައު ޤާނޫނު ޗައިނާއިން ފާސްކޮށްފިއެވެ.

މިޤާނޫނަކީ ޗައިނާގެ ޤާނޫނު ހަދާ މަޖިލިސް ނުވަތަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް، އެން.ޕީ.ސީގެ މިއަހަރުގެ ބައްދަލުވުމުގެ ތެރެއިން ފާސްކުރެވުނު އެންމެ މުހިންމު އެއް ޤާނޫނުކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ތިން ހާހަހަށްވުރެ ގިނަ މެމްބަރުން ތިބޭ ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުން ފޮރިން އިންވެސްޓްމަންޓާ ގުޅޭ ޤާނޫނު ފާސްކޮށްފައިވަނީ ދެހާސް ނުވަސަތޭކަ ނަވާވީސް މެންބަރުންގެ ވޯޓުންނެވެ.

މި ޤާނޫނަކީ ޗައިނާގައި ބޭރުގެ އިންވެސްޓަރުން އިންވެސްޓުކުރުމުގައި އެޤައުމުގެ ކުންފުނިތަކެކޭ އެއްފަދަ ހައްޤުތަކެއް ލިބޭ ޤާނޫނެއްކަމަށް އެންޕީސީގެ ސްޓޭންޑިން ކޮމިޓީގެ ޗެއަރމަން ލީ ޒާންޝޫ ވިދާޅުވިއެވެ. ބޭރުގެ އިންވެސްޓަރުންނަށް ހާއްސަކޮށް ޗައިނާގައި މިހާރު އަމަލުކުރަމުން ދަނީ ވަކިވަކި ތިން ޤާނޫނެއްގެ ދަށުންނެވެ. މިހާރު އަމަލުކުރަމުންދާ ބޭރުގެ ވިޔަފާރިތަކާބެހޭ ޤާނޫނުތަކުގެ ދަށުން ޗައިނާގައި ބޭރު ކުންފުޏެއް އިންވެސްޓްކުރާނަމަ އެޤައުމުގެ ކުންފުންޏަކާއެކު ޕާޓްނަރޝިޕް ހެދުމުގެ އިތުރުން، ބޭރުގެ ކުންފުނީގެ އުފެއްދުންތައް އުފެއްދުމުގެ ހުއްދަވެސް ޗައިނާ ކުންފުންޏަށް ދޭންޖެހެއެވެ. އައު ޤަނޫނުގެ ދަށުން ބޭރުގެ ކުންފުނިތަކަށް ޗައިނާގައި އަމިއްލައަށް ވިޔަފާރިކުރުމަށް މަގުފަހިވާނެއެވެ.

މިހާރު ޗައިނާގައި ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރެވޭ އަދި ނުކުރެވޭ ވަކި ދާއިރާތައް އެގޭނެ ގޮތެއް ނޯވެއެވެ. ނަމަވެސް އައު ޤާނޫނުގެ ދަށުން ޗައިނާގައި ބޭރުގެ ފަރާތްތަކުން އިންވެސްޓް ނުކުރެވޭ ދާއިރާތައް އެގޭނެ ލިސްޓެއް ޤާއިމްކުރާނެއެވެ.
މިޤާނޫނަށް އަމަލުކުރަން ފަށާނީ ދެހާސް ވިހި ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ޗައިނާގެ ސަރުކާރުން އުންމީދުކުރަނީ މިޤާނޫނުގެ ސަބަބުން އެމެރިކާ، އީޔޫ އަދި އެހެން ޤައުމުުތަކަށް ނިސްބަތްވާ ބޭރުގެ އިންވެސްޓަރުން ޗައިނާއާއި އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ދިމާވެފައިވާ ނުތަވަސްކަން ހައްލުކުރުމަށް މަގުފަހިވެގެން ދާނެކަމަށެވެ.

ތިންހާހާ ޤާތްކުރާ އަދަދަކަށް މެންބަރުން ހިމެނޭ، ދުނިޔޭގެ އެންމެ ބޮޑު ޤާނޫނު ހަދާ މަޖިލިސްގެ މިއަހަރުގެ ބައްދަލުވުންތައް ކުރިޔަށް ގެންދިޔައީ މިމަހުގެ ފަސް ވަނަ ދުވަހުން މިއަދުގެ ނިޔަލަށް ޗައިނާގެ ވެރިރަށް ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްސްގައެވެ.