މާލޭގައި ކުނި އުކުމުގެ މަސައްކަތްކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ގެނައި ޓްރައިސިކަލްތަކަކީ މާލޭގެ ވެއްޓަށް އެންމެ އެކަށީގެންވާ ވެހިކަލްތަކެއް ނޫންކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ ގޭބިސީތަކުން ކުނި ނަގައި އުކުމުގެ މަސައްކަތް ކުރިން ކުރަމުންދިޔައީ ގޭބިސީތަކުން އަމިއްލައަށް ބިދޭސީ މަސައްކަތްތެރިންނާ ޙަވާލުކޮށްގެންނެވެ. ބިދޭސީން މިމަސައްކަތް ކުރަމުންއައީ ބައިސްކަލްގައި ކުނި އުފުލައިގެންނެވެ. ނަމަވެސް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ވުޖޫދަށްއައިސް މާލޭގައި ކުރި އެކުމުގެ މަސައްކަތް ކުރާ ގޮތް މުޅިން ބަދަލުކޮށް، ރައްކާތެރިގޮތުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކުނިއުކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މާލެ ސީޓީއަކީ މަގުތައް ހަނި، ތޮއްޖެހިފައިވާ ތަނެއްކަމުން މާލޭގައި ކުނި އުކުމުގެ މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވަނީ ޓްރައިސިކަލް ނުވަތަ ތިންފުރޮޅުލީ ސައިކަލްގައި ކަމަށް ބުނެ 2017 ވަނަ އަހަރު ވެމްކޯއިން ވަނީ ކުނި އުކުމުގެ މަސައްކަތުގައި ބޭނުންކުރުމަށް 20 ޓްރައިސިކަލް ރާއްޖެ ގެނެސްފައެވެ. ނަމަވެސް މިހާތަނަށްވެސް މި ވެހިކަލްތައް ކުނި އުކުމުގެ މަސައްކަތުގައި ބޭނުންކޮށްފައެއް ނުވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މިކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯގެ މެނޭޖަރ ހައުސް ހޯލްޑްސް މުޙައްމަދު ޝާން ވިދާޅުވީ މިވެހިކަލްތައް މާލޭގައި ބޭނުންކުރަން ގެނައިނަމަވެސް މިއީ މާލެގައި އުފެދޭ ކުނި ނެގުމަށް އެންމެ އެކަށީގެންވާ ވެހިކަލްތައް ނޫންކަމަށެވެ. އެގޮތުން މާލޭގައި ކުނި އުފެދޭ ނިސްބަތަށް ބަލާއިރު ޓްރައިސިކަލް ގައި ކުނި ނެގުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ޓްރައިސިކަލްސް ވާގޮތަކީ މިވެއްޓަށް އެއްގޮތަކަށްވެސް ކަމުދާ އެއްޗެއް ނޫންއެޔަކީ. އެހެންވީމަ އަސްލު މާލޭގަ ކުނި މެނޭޖުކުރުމުގެ މަސައްކަތް ފެށިއިރު މާލެގައި ބޭނުންކުރަންވެގެން ޓްރައިސައިކަލްއެއްގެ ފަހަތުގައި 240 ލީޓަރސްގެ ޑަސްބިން އަޅުވައިގެން ކުނި ނަގާގޮތަށް އެއެއްޗިހި ފަރުމާކޮށްފައި އެހެރީ. އެހެންނަމަވެސް މާލޭގައި މިއޮތް މަގުތަކަށް އެންމެ ލާހިކު އެއްޗެއް ނޫންއެޔަކީ." ޝާން ވިދާޅުވިއެވެ.
މާލޭގައި ގޭބިސީތަކުގައި އުފެދޭ ކުނި އުކުމުގެ މަސައްކަތް ކުރަމުންދަނީ ސެލްފް ލޯޑިންގ އަދި މެނުއަލް ލޯޑިންގ ކޮމްޕެކްޓަރ ބޭނުންކޮށްގެންނެވެ. ވެމްކޯއިން ބުނީ މާލޭގައި ކުނިއުކުމުގެ މަސައްކަތް ކުރުމަށް ގެނައި ޓްރައިސިކަލްތައް މިހާރު ބޭނުންކުރަނީ ވިލިމާލޭ ކުނިއުކުމުގެ މަސައްކަތަށް ކަމަށެވެ.