ޓުއަރިޒަމް

ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާއަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަޓާ އެވޯޑް ބާއްވާ ހައިރައިޒުން ބުނީ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. ސަޓާ އެވޯޑަށް ނޮމިނޭޓް ކުރުމަށް ސަޓާގެ އޮފިޝަލް ވެބްސައިޓުން އޮންލައިންކޮށް ފޯމު ފުރުމަށްފަހު ފޮނުވޭނެކަމަށް ހައިރައިޒުން ބުނެއެވެ.

މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް ދިނުމަށް ހަމަޖެހިފައިވަނީ 10 ސެގްމެންޓަކުން 37 ކެޓަގަރީއަކަށެވެ. މިއަހަރުގެ އެވޯޑް ހަފްލާ އޮންނާނީ ސެޕްޓެމްބަރމަހުގެ ތެރޭގައި ސްރީލަންކާގައެވެ. މިއަހަރުގެ އެވޯޑް ވަނީ ސައުތު އޭޝިޔާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން އެންޑޯޒްކޮށްފައެވެ.

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަންބޯގައެވެ. 2017 ވަނަ އަހަރު އެވޯޑް ހަފްލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާއިރު މިދިޔަ އަހަރު މި ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ މުންބާއީގައެވެ. މިއީ ސަޓާ އެވޯޑް ބާއްވާ 4 ވަނަ އަހަރެވެ.