ޚަބަރު

އެމްއެމްއައިއިން ސްކޫލް ބަންދާ ދިމާކޮށް ހިންގި ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ސްކޫލް ބަންދާ ދިމާކޮށް ކުރިއަށްގެންދިޔަ "މިޑް ޓާރމް ހޮލިޑޭ ފަން" ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމްގައި 10 އަހަރާއި 18 އަހާރާ ދެމެދުގެ 33 ކުދިން ވަނީ ބައިވެރިވެފައެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއަކީ، މީޑިއާގެ ދާއިރާއިން ފަންނުވެރިން ބިނާކުރުމުގެ މަޤްޞަދުގައި އުފައްދައި ހިންގަމުންއަންނަ މީޑިއާ އިންސްޓިޓިއުޓެކެވެ. އެމްއެމްއައިން މީޑިއާގެ ދާއިރާއާއި އެކި އެކި ފަންނުތަކުގެ ފަންނުވެރިން ބިނާކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާއިރު، މެލޭޝިއާގެ މަޝްހޫރު ލިމްކޮކްވިކްގ ޔުނިވަރސިޓީގެ ކޯސްތައްވެސް އެ އިންސްޓިޓިއުޓްގައި ދަނީ ހިންގަމުންނެވެ.

އެމްއެމްއައިއިން މިއަހަރުގެ ފުރަތަމަ ޓާރމްގެ މިޑް ޓާރމް ބަންދާ ދިމާކޮށް "މިޑް ޓާރމް ހޮލިޑޭ ފަން" ގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު، މި ޕްރޮގްރާމްގައި 33 ކުދިން ވަނީ ބައިވެރިވެފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއެމްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާޙް ވިދާޅުވީ މިޓް ޓާރމް ބަންދާ ދިމާކޮށް ހިންގި މިހަރަކާތުގައި 4 ހޯހެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. މިމަހުގެ 10 އިން 14 އަށް ކުރިއަށްގެންދިޔަ މިހަރަކާތުގައި ޓީވީ ޕްރެޒެންޓިންގ ވޯރކްޝޮޕަކާއި، ދިވެހި ބަހާއި އިނގިރޭސި ބަހުން ޚަބަރު ލިޔުމުގެ ކޯހަކާއި، ކުޑަކުދިންނަށް ޚާއްޞަ ވީޑިއޯ ޕްރޮޑަކްޝަން ކޯހެއްވެސް ވަނީ ހިންގާފައެވެ.

އެމްއެމްއައިއިން މިހާރުވެސް މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް އެކި ލެވެލްތަކުގެ ކޯސްތައް ހިންގަމުން އަންނައިރު، މިދިޔަ އަހަރުގެ ސްކޫލް ބަންދާ ދިމާކޮށް އެމްއެމްއައިއިންވަނީ "ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރަވަގެންޒާ" ގެ ނަމުގައިވެސް ޚާއްޞަ ކުރު ކޯސްތަކެއް ހިންގާފައެވެ.