ފީފާ ކްލަބް ވޯލްޑް ކަޕްގައި މޮރޮކޯގެ ވިދާދް ކަސަބްލަންކާ އާއި ދެކޮޅަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަލް އައިން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އަލް އައިން ކާމިޔާބުކޮށްފި އެވެ.
ގްރޫޕް ޖީ ގައި ކުޅުނު މި މެޗުން އަލް އައިން މޮޅުވި ނަމަވެސް އެ ޓީމަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ގެއްލިފަ އެވެ. މިއީ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އަލް އައިން ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ހަމައެކަނި މެޗެވެ. އަދި ވިދާދް ކަސަބްލަންކާ ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
އައުޑީ ފީލްޑް ގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ވިދާދް ކަސަބްލަންކާގެ ކައިސަސް މައިލޫލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އަލް އައިން އަށް ލިބުނު ޕެނަލްޓީ އަކުން ކޯޖޯ ލަބާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަލް އައިން އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އަލެހަންދްރޯ ރޮމޭރޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑު އޭނާ ޖެހުމުގެ ކުރިން ގޯހެއް ހަދާފައިޥެތޯ ބެލުމަށް ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީތެރިންކަން ހޯދާފަ އެވެ.