ޚަބަރު

ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


ދިވެހި ފުލުހުންގެ 82 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފިއެވެ.އެގޮތުން މާލޭގައި މިއަދު ހެނދުނު 09:00 ގައި ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރުއެވެ.ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ފުލުހުންގެ ޢަޒުމް ކިޔުމާއި ދުވަހާ ގުޅޭގޮތުން ޚާއްޞަ ދުޢާއެވަނީ ކޮށްފައެވެ.ދިދަ ނެގުމުގެ މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދު އާއި ފުލުހުންގެ އިސް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުންނާއި އާއްމު މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.މާލޭގައި ބޭއްވި މި ރަސްމިއްޔާތުގެ އިތުރުންވެސް ރާއްޖޭގެ 7 ރީޖަންގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް މިއަދު ބާއްވާފައިވޭ.ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ޕޮލިސް ކްލިނިކް މިއަދު ހުޅުވާއިރު، އަހަރީދުވަހުގެ ޚާއްސަ ޖަލްސާ މިރޭބާއްވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައުލޫމާތުދެއެވެ.