ޓުއަރިޒަމް

ޓޫރިޒަމާއި ގުޅުންހުރި ޤަވާއިދުތައް ޒަމާނާއި އެއްގޮތައް ބަދަލުކުރަނީ


ޓޫރިޒަމާއި ގުޅުންހުރި ޤަވާއިދުތައް ޒަމާނާއި އެއްގޮތައް ބަދަލުކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އެގޮތުން ޓޫރިޒަމާއި ގުޅުންހުރި ތިން ޤަވައިދެއް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމާއި ގުޅުންހުރި ތިން ޤަވައިދެއް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ރިސޯޓުތަކުގައި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގަވައިދާއި، ޓޫރިޒަމްގެ ތަފާސްހިސާބުތަކާ ބެހޭ ގަވައިދުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކާ ބެހޭ ގަވައިދުގެ ދެވަނަ އިސްލާހެވެ. މި ގަވައިދުތައް އެ އޮފީހުން ފައިނަލް ކުރުމުން ގެޒެޓް ކުރެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"އެންމެ އަވަހަށް ނިންމޭނެކަމަށް އަޅުގަނޑުމެން ލަފާކުރާ ޤަވައިދުތަކަކީ ޓޫރިސްޓް ސޭފްޓީ ގަވައިދު، ހޮޓެލް ގަވައިދު، ގެސްޓްހައުސް ގަވައިދު އަދި ފިއުލް ގަވައިދު" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ވިޔަފާރިކުރުމަށް ފަހި މާހައުލެއް އޮތުމަކީ މުހިންމު ކަމެއްކަމަށް މި ސަރުކާރަށް ޤަބޫލުކުރެވޭކަމަށާއި، ރައީސްގެ އިސްނެންގެވުމުގެ މަތިން ކެބިނެޓަށް އެކަމުގެ ކަރުދާހެއް ހުށަހެޅުމަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އޭގެ ބޭނުމަކީ މިހާރުއޮތް ޓެކްސް ނިޒާމާއި ބައްދަލު ގޮތަކަށް ބައެއް ގަވައިދުތަކަށް އިސްލާހު ގެނައުމެވެ. މިނިސްޓަރ ވިދާޅުވީ އަމާޒަކީ މި މާރޗް މަހުގެ ތެރޭގައި ޓޫރިޒަމްގެ ވިޔަފާރިކުރުން ރާއްޖޭގައި މިހާރަށްވުރެ ފަހި މާހައުލެއް ޤާއިމްކުރުމަށް ގެނެވޭނެ ބަދަލުތަކާއި ބެހޭގޮތުން ޕޭޕަރެއް ގެނައުންކަމަށެވެ. މިމަސައްކަތް މިހާރު ކުރަމުންއަންނައިރު، މިކަން ނިމުމުން ޓޫރިޒަމް އިންޑަސްޓްރީއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ބައެއް ގާނޫނާ ގަވައިދުތައް މިހުރީ ވަރަށް ކުރީގެ އެއްޗެހި. ޓޫރިޒަމް ދާއިރާއާ ގުޅޭ ގަވައިދުތައް. ޖޫރިމަނާތަކަށް ބެލިޔަސް ވަރަށް ބޮޑެތި އަދަދުތައް ހުރީ. ވިޔަފާރިވެރިޔާ ހަލާކުވާ ވަރުގެ އަދަދުތަކޭ ހުރީ ދެންނެވިޔަކަސް ދޮގަކަށް ނުވާނެ." އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަފާތު ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު %16.8 ކުރިއެރުމެއްވެސް ލިބިފައެވެ.