ސިޔާސީ

މަޖިލިސް އިދާރާގެ މުވައްޒަފުންނަށްވެސް މެޓަރނިޓީ ލީވް ދޭން ނިންމައިފި


ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ އަންހެން މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ދޭ ހަމަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާޙު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ އެތަނުގައި މަސައްކަތް ކުރައްވާ އަންހެން މުވައްޒަފުންނަށް މުސާރައާއެކު ހަމަހުގެ ޗުއްޓީދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޕާލަމެންޓްރީ ސާރވިސް ގަވާއިދު އިސްލާހް ކުރައްވައި މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރައްވާފައިވާ ކަމަށެވެ.

ވިހެއުމުން ލިބޭ ޗުއްޓީގެ މުއްދަތުގެ ހަމަހަށް އިތުރުކުރުމަކީ ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަމެކެވެ. އަންހެން މުވައްޒަފުން ވިހެއުމުން މުސާރައާއެކު ހަމަހުގެ ޗުއްޓީދޭނެކަން ރައީސް ޞާލިޙް އިއުލާން ކުރެއްވީ މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިމަހުގެ ހަތްވަނަ ދުވަހު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އެގޮތަށް ނިންމެވުމާ ގުޅިގެން ސިވިލްސަރވިސް މުވައްޒަފުންގެ އިތުރުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގައިވެސް މިހާރު ވަނީ އެ ސިޔާސަތާ އެއްގޮތަށް އަމަލުކުރަންފަށާފައެވެ.