ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ޚާއްސަކޮށްގެން ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކުން އަންނަ ހަފްތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކެޔޮދޫއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ރަށުގައި ތިބެގެން ޢާމްދަނީ ލިބޭނެ ގޮތް ތަނަވަސް ވެގެން ދިއުމަކީ ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދުމަށް ނިންމާފައިވާ އެސްއެމްއީ ބޭންކުގެ ޚިދުމަތް ދޭންފެށުމަކީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ، %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގެ ތެރޭގައި މާލެ، އައްޑޫ، ފުވައްމުލަކު، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް ފަސް ޕަސެންޓުގެ ހިއްސާ ހިމެނެއެވެ.
ވ. ކެޔޮދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކުރެއްވުނީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީގެ އިތުރުން ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން އެއްވެސް ސިޔާސީ ޕާޓީއަކަށްވެސް އަދި އެއްވެސް ބޭފުޅަކަށްވެސް ދެރަގޮތެއް ވިޔަކަ ނުދެއްވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.