ޚަބަރު

މިއަދަކީ ޓީވީއެމްގެ 37 ވަނަ އަހަރީ ދުވަސް


މިއަދަކީ ޓެލެވިޜަން މޯލްޑިވްސްގެ 37 ވަނަ އަހަރީ ދުވަހެވެ.

1978 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ޚަބަރާއި އެކިއެކި މައުލޫލާތު ހިމެނޭ  ޕްރޮގްރާމްތައް ގެނެސްދެމުންދާ ޓީ.ވީ.އެމް މިހާރު ހިންގަމުންދަނީ ގާނޫނަކުން އުފައްދާފައިވާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ދަށުންނެވެ.

މިބަދަލާއެކު ޓީ.ވީ.އެމުން ގެނެސްދޭ ކޮންޓެންޓުން ކުރިއާ އަޅާބަލާއިރު، ބޮޑެތި ބަދަލުތަކެއްވަނީ ފެންނަން ފަށާފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޓީވީ ޗެނަލްގެ ގޮތުގައި ޓީ ވީ އެމް ވުޖޫދަށް އައިސްފައިވަނީ 1978 ވަނަ އަހަރުގެ މާޗް މަހުގެ ނަވާވީސް ވަނަ ދުވަހުއެވެ.

މިއަދު ޓީ.ވީ.އެމްގެ ހަޔާތުން 37 ވަނަ އަހަރު ގުނަމުންދާއިރު، ޓީ.ވީއެމްގެ ބްރޯޑްކާސްޓިންގ ކޮންޓެންޓް ނުވަތަ ފޮނުވާ ޕްރޮގްރާމްތަކާއި ޚަބަރުތައް ފޮނުވަމުންދަނީ ގާނޫނުން ލާޒިމް ކުރާގޮތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށާއި،  ކޮންމެ ފަރުދަކަށްވެސް އެކަށޭނެގޮތަކަށް ބައްޓަން ކުރެވިގެންނެވެ.

ޓީ.ވީ.އެމްގެ ބުރޯޑްކާސްޓިންގ ކޮންޓެންޓާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޑިރެކްޓަރ ޓީ.ވީ މުޙައްމަދު ނިޔާޒް ވިދާޅުވީ، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ޓީ.ވީ.އެމުން ފޮނުވަމުންދާ ޕްރޮގްރާމްތަކާއި އެހެނިހެން ކޮންޓެންޓްތައް ގެނެސްދެމުންދަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދަތުރުކޮށް އެސަރަހައްދުތަކުގެ އާންމުންގެ ޚިޔާލު ހޯދައިގެން، އެގޮތަށް ބައްޓަން ކުރެވިގެންކަމަށެވެ. އަދި ދީނީ ގޮތުންނާއި، އިޖްތިމާއީ އަދި ވީހާވެސް އާންމުންނާއި ގުޅޭނެ މައުލޫމާތުތަކުގެ މައްޗަށް ބިނާކުރެވިގެން، ރައްޔިތުން   ހޭލުންތެރިކުރުވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޓީ.ވީ.އެމްގެ ޚަބަރާއި، ޕްރޮގްރާމް  ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި ތަނުގެ މުވައްޒަފުންގެ ހިއްސާ ވަރަށްވެސް ބޮޑެވެ. އެގޮތުން އެމަސައްކަތް ކުރަމުންދާ ޕްރެޒެންޓަރުންނާއި، ޕްރޮޑިއުސަރުން، ޓެކްނީޝަނުން ކެމެރާމަނުން އަދި އިތުރު މުވައްޒަފުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ.

ޓީ ވީ އެމްގެ ބައެއް މުވައްޒަފުން ފާހަގަކުރާ ގޮތުގައި ޓީ.ވީ.އެމްގެ ތާރީޚްގެ ތެރެއިންވެސް ވޭތުވެދިޔަ ތިންއަހަރު ތެރޭގައި ބްރޯޑްކާސްޓް ކުރާ ކޮންޓެންޓަކީ، ކުރިޔާ ތަފާތު ކޮންޓެންޓެއްކަމަށާއި، މަސައްކަތް ކުރަމުންދަނީ ވަކި ކަމަކަށް ފޯކަސްކުރުމުގެ ބަދަލުގައި ގާނޫނުން ލާޒިމް ކުރާގޮތަށް ރައްޔިތުންނާއި އެންމެ ގުޅުންހުރިގޮތަށް ޚަބަރާއި މައުލޫމާތާއި، ޕްރޮގްރާމްތައް ބައްޓަންކުރުމަށް ކަމަށެވެ.

ވާދަވެރި މާހައުލެއްގައި ޓީ.ވީ.އެމް މަސައްކަތް ކުރަމުންދާއިރު، ޓީ.ވީ.އެމްއަކީ މަގުބޫލު ޗެނަލްގެ ގޮތުގައި ބައްލަވާ ފަރާތްތަކުގެ ބަހަކީވެސް ސާޅީސް އަހަރާއި ގާތްވެފައިވާ މި.ޓީވީ ޗެނަލްއަށް މުހިންމު ޚިޔާލުތަކެކެވެ. އެގޮތުން ބައެއް ބެލުންތެރިން ފާހަގަކުރާ ގޮތުގައި ޓީ.ވީ.އެމުން ގެނެސްދޭ ހަބަރާއި، ޕްރޮގްރާމްތަކަކީ ޝައުގުވެރި ޕްރޮގްރާމް ތަކެކެވެ. އަދި ގިނަ ބެލުންތެރިންގެ ވާހަކައިން، ޓީވީއެމްގެ ކޮންޓެންޓާއިމެދު ހިންހަމަ ޖެހޭކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ގެނެވިދާނެ ބައެއް ބަދަލުތައް އެފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.

އަހަރީ ދުވަހަށް މިއަދު ޓި.ވީ.އެމުން ގެނެސްދޭ ހުރިހާ ޕްރޮގްރާމްތަކެއްވެސް ހާއްސަކުރެވިފައިވާއިރު ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ހަފްތާއަކު ތިންދުވަހު މުޅީން އާކާޓޫނުތަށް ހިމެނޭ ގޮތަށް "ކުދިންގެ ގަޑި މިނަމުގައި މުޅީންއާ ޕްރޮގްރާމެއްމިއަދުވަނީ ފަށާފައެވެ.

ކުރިޔަށް އޮތްތަކުގައިވެސް ރައްޔިތުންނާއި، ގުޅުންހުރި ތަފާތު އާޕުރޮގްރާމްތައް ފޮނުވުމަށް ޓީ،ވީ.އެމުންދަނީ މަސައްކަތްކުރަމުންނެވެ.