ޚަބަރު

ޑިގްރީއަށް ކިޔެވުމަށްޓަކައި 1000 އަށްވުރެ ގިނަ ފޯމް ހުށައަޅައިފި - ހަޔަރ އެޑިއުކޭޝަން


ރާއްޖޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލެއްވުމާއެކު، ޑިގްރީއަށް ކިޔެވުމަށްޓަކައި ހާހަކަށްވުރެ ގިނަމީހުން މިހާތަނަށް ފޯމު ހުށައަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނސްޓްރީން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔެވުމަށް ފުރުޞަތު ހުޅުވާލުމުން ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށެވެ. ރާއްޖޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14ވަނަ ދުވަހުއެވެ. މިއާއެކު ހިލޭ ޑިގްރިއަށް ކިޔެވުމަށްޓަކައި ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ކޮލެޖުތަކުން ވެސް ފާހަގަކުރެއެވެ.

މި ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިހާތަނަށް ހިލޭ ޑިގްރީއަށް ކިޔެވުމަށް އެދި 1000އަށް ވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާކަމަށެވެ. އަދި ފޯމް ހުށައަޅާފައިވާ ދަރިވަރުންގެތެރެއިން ޝަރުތު ހަމަވާ އަދި މިޕްރޮގްރާމަށް ހޮވޭ ދަރިވަރުންނަށް އެކަން އަންގަމުންދާނެކަމަށެވެ.
މިހާރު އޮންނަގޮތުން ހިލޭ ޑިގްރީއަށް ކިޔެވުމަށް އެދި ފޯމުހުށަހެޅޭނީ ހަޔަރ އެޑިއުކޭޝަނަށް ގޮސްގެންނެވެ. އަދި އެކަމަށް ވަކި ސުންގަޑިއެއް މިހާތަނަށް މިނިސްޓްރީން އިޢުލާނު ކޮށްފައެއް ނުވެއެވެ.

ޑިގްރީ ޕްރޮގްރާމަށް ޢާއްމުންގެ ބޮޑުތަރުޙީބެއް ލިބެމުންދާއިރު މިކާމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޤައުމީ ޔުނިވަރސިޓީގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ފަވާޒް ޝަރީފް ވިދާޅުވީ މިހާރު އެޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ މަޢުލޫމާތު ޙިއްސާކުރަމުންދާކަށެވެ.

މިގޮތުން އެ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީއަށް 3000އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދި މިހުރިހައި ދަރިވަރުންވެސް ޝައުގުވެރިކަން ފާޅުކުރާކަމަށެވެ.

ފަވާޒު ވިދާޅުވީ އެޔުނިވަރސިޓީގައި ކުރިއަށްގެންދާ ކޯސްތަކުގެ ތެރެއިން އެޑިއުކޭޝަން، ނަރސިން ބިޒްނަސް އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ދަރިވަރުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ގިނަ ދަރިވަރުންނަކީ އަތޮޅުތެރޭގައި ކިޔަވަމުންދާ، އަތޮޅު ތެރޭގައި ތިބެފަ މާލެއައަށް ދަތުރުކޮށްގެން ކިޔަވަމުންދާ ދަރިވަރުން. އެކުދިންނަށްވެސް މިހާރު މިދަނީ ޑިގްރީ ޕްރޮގްރާމްގެ މަޢުލޫމާތުތައް ދެމުން." ފަވާޒު ވިދާޅުވިއެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ދެޔުނިވަރސިޓީގެ އިތުރުން އަމިއްލަ ތިން ކޮލެޖަކުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ ކްލިކް ކޮލެޖާއި، ސައިރެކްސް ކޮލެޖާއި ވިލާ ކޮލެޖެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭ އުސޫލުގެދަށުން އެމްއެންޔޫއާއި އައިޔޫއެމްގެ ޑިގްރީ ކޯސްތައް މުޅިން ހިލޭ ކިޔެވޭނެ ފުރުސަތު އޮތްއިރު އަމިއްލަ ކޮލެޖުތަކުގެ ޑިގްރީ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަންފީ ސަރުކާރުން ދައްކައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކާ މިއަހަރަށް އެކަނިވެސް 156 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށާއި، އޭގެ ތެރެއިން ބޮޑުބައެއް ޚަރަދުކުރެވިގެންދާނީ އަމިއްލަ ކޮލެޖްތަކުގެ ޓިއުޝަން ފީތަކަށް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.