ޚަބަރު

ނެއްލައިދޫގައި ހުވަނީގެ އުނދަގޫ ބޮޑުވެ، ސިފައިން ހަރަކާތްތެރިވެއްޖެ


ހދ. ނެއްލައިދޫގައި އާދަޔާ ޚިލާފަށް ހުވަނި ގިނަވެ، ހުވަނި ކޮންޓްރޯލްކުރުމަށް ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ ނެއްލައިދޫގައި ހުވަނީގެ މައްސަލަ ބޮޑުވެގެން އުޅޭތާ 2 މަހެއްހާ ދުވަސްވެއްޖެކަމަށެވެ. އޭނާ ވިދާޅުވީ އެރަށުގައި ހުވަނި އެންމެ ފުރަތަމަ އަޅާފައިވަނީ ރަށުގެ ވަށައިގެންވާ މިދިލި ގަސްތަކުގައި ކަމަށާއި، ނަމަވެސް މިހާރު ރަށުތެރޭގެ ގަސްތަކާއި، ފާރުތަކުގެ އިތުރުން ގޭތެރޭގައިވެސް ހުވަނީގެ އުދަގުލާ ކުރިމަތިލާން ޖެހޭކަމަށެވެ.

ނެއްލައިދޫގައި ހުވަނީގެ އުނދަގޫ ބޮޑުވުމާ ގުޅިން ހުވަނި ކޮންޓްރޯލްކުރުމަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު، އިއްޔެ އެރަށުގެ ގިން ގަސްތަކެއް ސިފައިން ސްޕްރޭކޮށްފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކޮންމެ އަހަރެއްގެ މިދުވަސްވަރު އެރަށުގައި ހުވަނީގެ އުނދަގުލާ ވަރަށްބޮޑަށް ކުރިމަތިލާންޖެހޭކަމަށެވެ.