ޓުއަރިޒަމް

ފަތުރުވެރިކަމަށް ރަނގަޅު ބަދަލުތަކެއް އަންނަމުންދަނީ - މިނިސްޓަރ އަލީ ވަހީދު


ރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު ބަދަލުތަކެއް އަންނަމުން ދާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު ފަތުރުވެރިކަމުގެ ސިނާއަތައް %16.8 ކުރިއެރުމެއް ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ 2 މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 2 މަސްދުވަސް %11.7 ކުރިއެރުމެއް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ 5 މާކެޓަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ 17.8% އެކު ޗައިނާގެ މާކެޓެވެ. އިޓަލީގެ މާކެޓް %10.8 ހިއްސާކުރާއިރު، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ %7.6 ގައެވެ. އިންޑިއާއަށްފަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޔޫކޭ އިންނެވެ. އެއީ %7.4 އިންސައްތައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 5 މާކެޓްގެ ތެރޭގައި ދެން ހިމެނެނީ %6.5 އާއިއެކު ޖަރުމަނުވިލާތެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހާއި އަޅާބަލާއިރު، މިއަހަރުގެ ފެބުރުއަރީމަހު އެންމެބޮޑަށް ދަށަށްގޮސްފައިވަނީ، ޗައިނާގެ މާކެޓްކަމަށެވެ. އެއީ %3.8 އެވެ. ނަމަވެސް އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް މިހާރު %66.8 ކުރިއަރާފައިކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.