ޓުއަރިޒަމް

"ޔޫ އެންޑް މީ ބައި ކޮކޫން" ރިސޯޓް ހުޅުވައިފި

ކޮކޫން އިންވެސްޓްމަންޓުން ތަރައްޤީކުރި ރިސޯޓު، "ޔޫ އެންޑް މީ ބައި ކޮކޫން" ހުޅުވައިފިއެވެ.
މިއީ ރ.އަތޮޅުގައި މޫދު އަޑީގެ ރެސްޓޯރެންޓާއެކު ހުޅުވި ފުރަތަމަ ރިސޯޓެވެ.

ރ.އަތޮޅު އުތުރުމާފަރުގައި ތަރައްޤީކޮށްފައިވާ "ޔޫ އެންޑް މީ ބައި ކޮކޫން" ރިސޯޓަކީ ރާއްޖޭގެ ކުންފުންޏެއްކަމަށްވާ ކޮކޫން އިންވެސްޓްމަންޓުން ހުޅުވި ދެވަނަ ރިސޯޓެވެ. މި ރިސޯޓުގައި 109 ކޮޓަރި ހުންނައިރު، މީގެތެރޭގައި 7 ވައްތަރެއްގެ ކޮޓަރި ހިމެނެއެވެ. އޭގެ ތެރޭގައި މަންތާ ވިލާ، ޑޯލްފިން ވިލާ، ޑޯލްފިން ވިލާ ވިތް ޕޫލް، އަދި ބީޗް ވިލާ ހިމެނެއެވެ.

އެޗް.ޓޫ.އޯގެ ނަން ދީފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓެއް މިރިސޯޓުގައި ހަދާފައިވާއިރު، މިއީ ރާއްޖޭގައި ހެދި 6 ވަނަ ކަނޑުއަޑީގެ ރެސްޓޯރަންޓެވެ. މޫދުގެ ރީތި މުރަކަތަކާއި ކަނޑުފަޅުގެ ދިރުންތަކުގެ މަންޒަރުތަކާއެކު ކެއުމާއި ބުއިންތަކަށް އިންސާފްކުރެވޭ ކަނޑުއަޑީގެ ރެސްޓޯރެންޓުގެ އިތުރުންވެސް 4 ރެސްޓޯރެންޓް މި ރިސޯޓުގައި ހުރެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އިފުރު އެއަރޕޯޓަށް 45 މިނެޓުން ދެވޭއިރު، އިފުރުން، ސްޕީޑް ބޯޓެއްގައި 20 މިނެޓުން މި ރިސޯޓަށް ދެވޭނެއެވެ.

ކޮކޫން އިންވެސްޓްމަންޓް އިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓް "ކޮކޫން މޯލްޑިވްސް" ހުޅުވާފައިވަނީ 2017 ވަނަ އަހަރުގެ މާރޗް މަހުއެވެ. މި ރިސޯޓް ތަރައްޤީކޮށްފައިވަނީ ށ. އަތޮޅު އޫކޮޅުފިނޮޅުގައެވެ.