ޚަބަރު

އިތުބާރުނެތް ކަމަށް ފާސްވުމުން މަޤާމު ގެއްލޭގޮތަށް ފާސްކުރުން


އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ މަޤާމު ގެއްލޭގޮތަށް ރާއްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާޙްގެނައުމަށް މަޖިލީހުގެ ރައީސް ހުށައަޅުއްވާފައިވާ އިސްލާޙު މިއަދު ވަނީ ފާސްކޮށްފައެވެ. ކޯޓުތަކުގެ ފަނޑިޔާރުންނާއި، ދައުލަތުގެ ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެވަގުތުން ފެށިގެން މަޤާމުންވަކިވާގޮތަށް، ކެލާދާއިރާގެ މެންބަރު ޢަލީ އާރިފު ހުށައެޅެއްވީ މިއިސްލާހާއެކުއެވެ.

މިއިސްލާޙަކީ އިތުބާރުނެތްކަމުގެ މައްސަލަތަކާ ބެހޭގޮތުން 2017ވަނަ އަހަރު ސުޕްރީމް ކޯޓުންކުރި ޙުކުމުގައި އޮތް ގައިޑްލައިނަކާ އެއްގޮތަށް ހުށަހެޅި އިސްލާޙެއްކަމަށް މިއިސްލާޙް ހުށަހަޅުއްވަމުން ޢަލީ އާރިފްވަނީ ވިދާޅުވެފައެވެ.

ޕީ.ޕީ.އެމް އާއި ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުން ތިއްބަވާ، އަންމުކޮމެޓީން މިއިސްލާޙް ފާސްކުރައްވާފައިވާއިރު، މިކޮމެޓީގައި ތިއްބަވާ ސަރުކާރު ހިންގާ މައި ޕާޓީ އެމް.ޑީޕީއަށް ނިސްބަތްވާ މެންބަރުންވަނީ، ސުޕްރީމް ކޯޓުން 2017ވަނަ އަހަރުގެ މެއިމަހު ކުރެއްވި ޙުކުމާ ތަޢާރުޒްވާކަންކަން މިއުސޫލުގައި ހުރިކަން ފާހަގަކުރެވޭކަމަށް ވިދާޅުވެފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ އުސޫލެއް މަޖިލީހުގެ ޢާންމުކޮމެޓީން މިއަދު ފާސްކޮށްފައި މިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވީ ނަމަވެސް، އެމައްސަލަ ކުރިއަށް ގެންދެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ޤަވައިދަށް އިސްލާޙު ގެނެސްގެންކަމަށް މަޖިލިހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެފައިވަނިކޮށެވެ.