ވިޔަފާރި

ކާޑު އޭޖެންޓުން ހަމަޖެހިފައިނުވާ 87 ރަށަކުން އޭޖެންޓުން ހޯދުމަށް އެސްޓީއޯއިން އިއުލާންކޮށްފި


މާލެއެކޭ އެއް އަގުގައި އަތޮޅުތަކުގެ ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކައި ދޭނެ އޭޖެންޓުން ހަމަޖެހިފައިނުވާ 87 ރަށަކުން އޭޖެންޓުން ހޯދުމަށް އެސްޓީއޯއިން އިއުލާންކޮށްފިއެވެ.

ކާޑު އޭޖެންޓުން ހަމަޖެހިފައިނުވާ ރަށްރަށުގެ ލިސްޓެއް އެސްޓީއޯއިން ވަނީ ގެޒެޓް ކޮށްފައެވެ.

އެސްޓީއޯއިން ހާމަކުރާގޮތުގައި އޭޖެންޓުން ހޯދުމަށް މީގެކުރިން ކުރި އިއުލާންތަކާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ބައެއް ރަށްރަށުން އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިިނުވާ ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ބައެއް ފަރާތްތައް ޝަރުތު ހަމަނުވުމަކީވެސް އެޖެންޓުން ހޯދުމަށް ދިމާވެފައިވާ ދަތިކަމެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކުރެއެވެ.

އެސްޓީއޯއިން ބުނީ ރަޖިސްޓަރީ ކުރުން މިމަހުގެ އަށާރަވަނަ ދުވަހުގެ ހެނދުނު އެގާރަ ޖެހުމާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ރަށުގައި ޤާއިމްކޮށްފައިވާ އެސްޓީއޯ ފާމަސީން ރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ.
ކާޑު އެޖެންޓުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަންކަރުދާސް އެރަށެއްގެ އެސްޓީއޯ ފާމަސީ، އެސްޓީއޯ ހެޑްއޮފީސް، އެސްޓީއޯ ސްޓޭޕަލްސް ފުޑްސް، އަދި އެސްޓީއޯ ވެބްސައިޓް އިންވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން ބުނީ މާލޭގައި ވިއްކާ އަގުގައި ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު އެގާރަ ޖެހުމުގެ ކުރިން ކަމަށެވެ.

ކާޑު އެޖެންޓުން މިހާރު ހަމަޖެހިފައިވާ ރަށްރަށާއި އެކު އެއްބަސްވުންތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

މާލެއެކޭ އެއް އަގެއްގައި ރަށްރަށުގައި ކާޑުގެ ބާވަތްތައް އަންނަ އޭޕްރީލް މަހުން ފެށިގެން ލިބެން ހުންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.