ޚަބަރު

ރައީސް ޞާލިޙް ދިއްފުށީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިއްފުށީ ކައުންސިލް މެމްބަރުން ވަނީ އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، އެރަށުގެ މިހާރުގެ ޙާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސާއި ހިއްޞާ ކުރައްވާފައެވެ. އެގޮތުން، ކައުންސިލް އިމާރާތުގެ ހާލަތު ގޯސްވެފައިވާކަމާއި، ރަށް ގިރުމުގެ މައްސަލައާއި، އެރަށަށް ވަންނަ ނެރު ބެދެމުންދާ މައްސަލަ ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އެރަށުން ގޯތި ދޫކުރެވޭނެ ޖާގަ ނެތުމާއެކު، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ. އަދި އެރަށަށް އޭޓީއެމެއްގެ ޚިދުމަތާއި، ހެލްތު ސެންޓަރަށް ބޭނުންވާ ވަސީލަތްތަކާއި ސްކޫލަށް ދަތިވެފައިވާ ކަންތައްތައްޥޭށޤ މެންބަރުން ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ޒުވާނުންގެ މަރުކަޒަކާއި ފުލުހުންގެ ޚިދުމަތްވެސް އެރަށުގައި ޤާއިމްކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދިއްފުށީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.