ސިއްހަތު

މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔެވުމަށް 33 ދަރިވަރުން ފޯމް ހުށަހަޅައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔެވުމަށް އެދި 33 ދަރިވަރުން ފޯމް ހުށައަޅާފައިވާކަމަށް ދިވެހި ޤައުމީ ޔުނިވަރސިޓީން ބުނެފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ތަރައްޤީކުރާ މެޑިކަލް ކޮލެޖުގައި އަންނަ އޭޕްރީލްމަހު ކިޔަވައިދޭން ފެށުމަށް ޤައުމީ ޔުނިވަރސިޓީން ވަނީ ނިންމާފައެވެ.

ޔުނިވަރސިޓީން ބުނީ އަންނަ މަހު ކިޔެވުން ފެށުމަށް ހަމަޖެހިފައިވާއިރު، މިހާރު ކުރިއަށްދަނީ ޑޮކްޓަރުކަން ކިޔެވުމަށް ހުށައެޅި ދަރިވަރުންނަށް ޚާއްސަކޮށްގެން މެޑިކަލް ހެދުމާއި އިންޓަރވިއުކުރުމުގެ މަރުޙަލާކަމަށެވެ. އަދި މި މަސައްކަތް ނިމުމުން ކޯހަށް ހޮވުނު ދަރިވަރުންނަށް އެކަން ރަސްމީކޮށް އަންގާނެކަމަށެވެ.

މެޑިކަލް ކޮލެޖުގެ ފުރަތަމަ ބެޗުން 50 ދަރިވަރުންނަށް ޖާގަ ދިނުމަށް ވަނީ ނިންމާފައެވެ. މިއަހަރު ސަރުކާރުން ޢިއުލާންކޮށްފައިވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން އެމްބީބީއެސްއަށް ކިޔެވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މެޑިކަލް ކޮލެޖު ހިންގުމަށް އެ އިމާރާތުގެ 2 ފަންގިފިލާ ވަނީ ޤައުމީ ޔުނިވަރސިޓީއަށް ދީފައެވެ. ރާއްޖޭގައި ފަށާ އެންމެ ފުރަތަމަ މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވައިދޭނީ އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެންކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. އެގޮތުން އަލަށް ޢިމާރާތްކުރާ މެޑިކަލް ކޮލެޖުގައި މައިގަނޑު 3 ލެބޯޓަރީ ހުންނައިރު، ލެކްޗަރ ހޯލަކާއި ޓިއުޓޯރިއަލް 4 ކޮޓަރިއާއި ލައިބްރަރީއެއްވެސް ހުންނާނެކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މެޑިކަލް ކޮލެޖުގައި ކިޔަވާ ދަރިވަރުން ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.