ޚަބަރު

އައްޑޫ ސިޓީގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބަހުގެ ޚިދުމަތް ހިލޭ ދޭންފަށައިފި


ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލު ކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ތުއްތުކުދިންނަށް އެމްޕީއެލްއިން އައްޑޫ ސިޓީގައި، ހިލޭ ބަހުގެ ޚިދުމަތް ދޭންފަށައިފިއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫގައި ބަހުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ އެމްޕީއެލްގެ ދަށުން ހިންގަމުންދާ ސަދަން ޓްރާންސްޕޯޓް ލިންކް(އެސްޓީއެލް) އިންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެސްޓީއެލްއިން ވިދާޅުވީ ބަހުގެ ޚިދުމަތުގެ އިތުރުން ފެރީ ދޯނީގެ ޚިދުމަތްވެސް މިއަދުން ފެށިގެން މިފަރާތްތަކަށް ހިލޭ ލިބޭނެކަމަށެވެ.

ހިލޭ މިޚިދުމަތްތައް ލިބޭ ފަރާތްތަކަކީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ސްކޫލުތަކުގައި ބޭނުންކުރާ އެކި ޔުނިފޯމުތަކުގައި ޚިދުމަތް ހޯދާ ސްކޫލްތަކުގެ ދަރިވަރުންނާއި ޢުމުރުން 65 އަހަރު ވެފައިވާ މީހުންނާއި ޢުމުރުން 2 އަހަރު ނުވާ ތުއްތުކުދިންނެވެ.

އެސްޓީއެލްއިން ވިދާޅުވީ ހިލޭ ޚިދުމަތް ހޯދުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އެންސްޕާއިން ދޫކޮށްފައިވާ ކާޑު ބޭނުންކުރަންޖެހޭނެކަމަށާ، އުމުރުން ދުވަސްވީ މީހުން އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބޭނުންކުރަން ޖެހޭނެކަމަށެވެ. އެމްޕީއެލްގެ ފަރާތުން އައްޑޫ ސިޓީގައި ބަހުގެ ޚިދުމަތް ދޭންފަށާފައިވަނީ 2015ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.