ޚަބަރު

ކަލައިދޫއަށް ދަތުރުކުރި ތެޔޮ ބޯޓަކުން މަސްތުވާތަކެއްޗާއި އެކު ހަތަރު މީހުން ހައްޔަރުކޮށްފި


ލ. ކަލައިދޫއަށް ދަތުރުކުރަމުންދިޔަ ތެޔޮބޯޓެއް ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއި އެކު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތެޔޮބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީވެސް އުމުރުން 20 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންގެ ކަމަށެވެ. އަދި އެ ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކަލައިދޫ ބަނދަރަށް ބޯޓު ގާތްކުރި ވަގުތު ފުލުހުން އެބޯޓަށް އަރައި އެމީހުން ހައްޔަރުކޮށް އެބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް އެބޯޓުން ފެނިފައިވާ ކަމަށެވެ.

މިފަހަކަށް އައިސް މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކެއް ފުލުހުން އަންނަނީ ހިންގަމުންނެވެ. އަދި މި އޮޕަރޭޝަންތަކުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދާ އެކަމާ ގުޅުންހުރި މީހުން ފުލުހުން އަންނަނީ ހައްޔަރުކުރަމުންނެވެ.