ޚަބަރު

ހުޅުދުއްފާރުގައި މީހުން އާބާދުވިތާ 24 އަހަރު ފުރުން ފާހަގަކޮށްފި


ރ. ހުޅުއްދުއްފާރުގައި މީހުން ދިރިއުޅެންފެށިތާ 24 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ ހިނގާލުމެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުދުއްފާރުގައި ބޭއްވި މި ހިނގާލުމުގައި އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

ރ. އުނގުލު 93 ގޭގެ މީހުންނާއި، ރ. ގާއުނޑޫދޫ 94 ގޭގެ މީހުން ރ. ހުޅުދުއްފާރަށް ބަދަލުކޮށް އާބާދުކުރަން ފަށާފައިވަނީ 12 ފެބްރުއަރީ 1992 ގައެވެ. މި މަސައްކަތް ނިމި ރ. ހުޅުދުއްފާރަކީ މީހުން ދިރި އުޅޭ ރަށެއްގެ ގޮތުގައި ހަމަޖެހުނީ 13 މާރޗް 1995 ގައެވެ.

ހުޅުދުއްފާރުގައި މީހުން އާބާދުވިތާ 24 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހަވީރު 40 އަހަރުން މަތީގެ މީހުންގެ ފުޓްސަލް މެޗެއްވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދުވަހާ ގުޅުވައިގެން ބާއްވާ ޚާއްޞަ ޖަލްސާއެއް މިމަހުގެ 16 ވަނަ ދުވަހު އޮންނާނެކަމަށާއި، މި ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުކަމަށް ހުޅުދުއްފާރު ކައުންސިލުން މައުލޫމާތުދެއްވައެވެ.

އަދި ބޮއްކުރާ ރޭހާކާއި، ބައިބަލާ އާއި ވޮލީ ފަދަ ކުޅިވަރުތައް މި ދުވަހާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހުޅުދުއްފާރު ކައުންސިލުން ވިދާޅުވެއެވެ.