ޚަބަރު

ފީފާގެ ނިންމުމައް އިހުތިރާމް ކުރަން - ވިކްޓްރީ


ވިކްޓްރީން މިއަންނަ ހުކުރު ދުވަހު ބާއްވަން މަސައްކަތް ކުރި އެކްސްޓްރާ އޯޑަނަރީ ކޮންގްރެސް ނުބޭއްވޭނެކަމަށް ފީފާއިން ބުނުން ފީފާގެ ނިންމުމަށް އެކުލަބުން އިޚުތިރާމް ކުރާނެކަމަށް ވިކްޓްރީން ބުނެފިއެވެ.

އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލްކުރުމަށް 15 ކުލަބެއްގެ ސޮއާއިއެކު ވިކްޓްރީން ހުށައެޅި މައްސަލައިގައި ސޮއިކޮށްފައިވާ ދެ ކުލަބްއަކަށް ވޯޓް ލުމުގެ ހައްގު ލިބިގެންނުވާކަމަށް ބުނެ އެފްއޭއެމުންވަނީ އެ ދެކުލަބް އުނިކޮށްފައެވެ. އަދި ފަހުން އެޕެޓިޝަންގައި ސޮއި ކުރުމަށްފަހު 4 ކުލަބަކުން ވަނީ ސޮއި އަބުރާ ގެންގޮސްފައެވެ.
ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ވައިސް ޗެއާމަން މައުރޫފް އަހުމަދު (މާއްޓޭ) ބުނީ ފީފާގެ ނިންމުމަށް ވިކްޓްރީ އިހުތިރާމް ކުރާކަމަށާއި ދެން ކުރިއަށް ދާނެ ގޮތެއް ނިންމާނީ ޕެޓީޝަންގައި ސޮއިކޮށްފައިވާ ކުލަބްތަކުގެ ތެރެއިން ވިކްޓްރީ އާއިއެކުގައި މަސައްކަތް ކުރުމަށް އެއްބާރުލުން ދީފައިވާ ކުލަބްތަކާއި އެކުގައި މަޝްވަރާ ކުރުމަށްފަހުގައިކަމަށެވެ.

ޕެޓިޝަންގައި ސޮއި ކުރުމަށްފަހު އެސޮއި އަބުރާ ނެގި ކުލަބްތަކުން ނަން އެފްއޭއެމުން ހާމަކޮށްފައިނުވާއިރު، އެފްއޭއެމްގެ ރައީސްވަނީ އެވާހަކަ މީޑިޔާގައި ދައްކާ، ވިކްޓްރީއަށް އެއީ ކޮން ކުލަބްތަކެއްކަން އަންގާފައި ނުވާތީ މާއްޓޭވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ފީފާގެ ޓީމުން ކުލަބްތަކާއި ބައްދަލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ވައިސް ޗެއާމަން މައުރޫފް އަހުމަދު (މާއްޓޭ) ބުނީ ނަން ނެގި ކުލަބްތަކުގެ ނަން ވިކްޓްރީއަށް އަންގާފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައިކަމަށެވެ.
އަދި 4 ކުލަބްގެ ނަން ނެގި ވާހަކަ ބުނި ނަމަވެސް އެފްއޭއެމުން ވިކްޓްރީއަށް ނަން ނެގިކަން އަންގާފައިވަނީ ތިން ކުލަބެއްކަމަށެވެ. އެއީ މާޒިޔާ، ޔުނައިޓަޑް ވިކްޓްރީ އަދި ގްރީން ސްޓްރީޓްސް. ހަތަރުވަނަ ކުލަބަކީ ކޮންބައެއްކަމެއް އެފްއޭއެމުން ވިކްޓްރީއަށް އަންގާފައި ނުވާކަމަށްވެސް މައޫރޫފް ބުންޏެވެ.

މައުރޫފް ބުނީ މިއީ އެއްވެސް ވަރަކަށް ޒާތީވެގެން ކުރާކަމެއް ނޫންކަމަށާއި ވިކްޓްރީން އަބަދުވެސް އެދެނީ ފުޓްބޯޅައަށް ކުރިއެރުންކަމަށެވެ.