ޚަބަރު

އައްޑޫ ރިހެބުން ޑިޓޮކްސިފިކޭޝަން ޚިދުމަތް ދޭން ފަށާނީ މިމަހުގެ 25 ގައި


އައްޑޫ ސިޓީގައި އަލަށް ހުޅުވި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ޑިޓޮކްސިފިކޭޝަން ޚިދުމަތް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ދޭން ފަށާނެކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީން ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ހިތަދޫގައި ހިތަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ މިމަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހުޅުއްވާދެއްވާފައެވެ. އަދި އެސެންޓަރުން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ގެންދަނީ ކޮމިއުނިޓީ ރިހެބިލިޓޭޝަން ޚިދުމަތް ދެމުންނެވެ. ނޭޝަނަލް ޑްރަގް އޭޖެންސީން ބުނީ އައްޑޫސިޓީ ރިހެބިލިޓޭޝަން ސެންޓަރުން ޑިޓޮކްސިފިކޭޝަން ޚިދުމަތް ދޭން ފަށާނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންްޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރތައް ޤާއިމުކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރ އައްޑޫ ސިޓީގައި ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.