ޚަބަރު

އެމެރިކާއިން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދެނީ


ރާއްޖޭގައި ހިންގާ ދެމެހެއްޓެނިވި ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އެމެރިކާ ސަރުކާރުން 20 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގެ މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމެރިކާ ސަފީރު އެލެއިނާ ޓެޕްލީޒް ވިދާޅުވީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ވެފައިވާ "ޑިވަލޮޕްމަންޓް އޮބްޖެކްޓިވް ޕަރސިސްޓަންސް އެގްރިމެންޓް" ގެ ދަށުން ރާއްޖޭގައި ހިންގާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އެމެރިކާއިން 20 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމާފައިވާކަމަށެވެ. ސަފީރު ވިދާޅުވީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އެފައިސާ ދިނުމަށް ނިންމާފައިވަނީ 5 އަހަރުގެ މުއްދަތަށް ބަހާލައިގެންކަމަށާއި، ރާއްޖެއަށް މިވަގުތު އެންމެބޮޑަށް ބޭނުންވެފައިވާ ދާއިރާތައް ކުރިއެރުވުމަށް ބޭޭނުންވާ ޓެކްނިކަލް އެހީތެރިކަންވެސް އެމެރިކާއިން ދޭނެކަމަށެވެ.

އެގޮތުން ޕަބްލިކް ފައިނޭންސްގެ ދާއިރާއާއި، ޤާނޫނީ ދާއިރާއާއި، ތިމާވެއްޓާއި، މާލީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، މިނޫންވެސް މުހިންމު ދާއިރާތަކުން ޓެކްނިކަލް އެހީތެރިކަން އެމެރިކާއިން ރާއްޖެއަށް ދޭނެކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން އިއްޔެވަނީ 3 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމާބެހޭ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައެވެ.

އެމެރިކާއިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އަތޮޅުތެރޭގެ ބައެއް ރަށްރަށަށްވެސް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެމެރިކާއިންދޭ ހިލޭއެހީއާކު މަގުފަހިވެގެންދާނެކަމަށް ސަފީރު ވިދާޅުވިއެވެ.

އެލެއިނާ ވިދާޅުވީ ކުރިއަށްއޮތްތަނުގައި ސަރުކާރުގެ އިސް ފަރާތްތަކާއި، ޕްރައިވެސް ސެކްޓަރ، އަދި އަމިއްލަ ޖަމިއްޔާ ޖަމާތްތަކާއިވެސް ބައްދަލުކޮށް، ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ. މީގެ އިތުރުން ސިޔާސީ ދާއިރާ ތަރައްޤީކުރުމަށް ލަފާ ދިނުމާއި، މަޖިލީހާއި، މީޑިއާއާއި، އަމިއްލަ ޖަމާއަތްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށްވެސް ރާއްޖެއާ ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ސަފީރު ވިދާޅުވިވެއެވެ.