ވިޔަފާރި

ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓު އެންޑް ސްޕާ ޖުލައި މަހު ހުޅުވަނީ!


ށ. އަތޮޅު ވަގަރުގައި ތަރައްޤީކޮށްފައިވާ "ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓު އެންޑް ސްޕާ" ރީބްރޭންޑްކޮށް، އަންނަ ޖުލައި މަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އެރިސޯޓުން ބުނެފިއެވެ.

ޖޭ ޑަބްލިއު މެރިއޮޓް ބްރޭންޑުން ރާއްޖޭގައި ތަރައްޤީކުރަމުންދާ މި ރިސޯޓު ކުރިން ހުޅުވުމަށް ނިންމާފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެހެންނަމަވެސް، މި ރިސޯޓު ހުޅުވުމަށް މިހާރު ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުކަމަށް ރިސޯޓު ހިންގާ ފަރާތުން ބުނެއެވެ.

ށ. އަތޮޅު ވަގަރުގައި ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ 61 ބީޗް ވިލާ އާއި ވޯޓަރ ވިލާއާއެކު ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހިމެނޭހެން ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. ރިސޯޓުގައި ތަރައްޤީކޮށްފައިވާ ވިލާތައް ޖާގައިގެ ގޮތުން ފަސް ބަޔަކަށް ބަހާލާފައިވާއިރު، މި ވިލާތަކުގެ ޖާގަ އުޅެނީ 234 ސްކެއަރ މީޓަރާއި 638 ސްކެއަރ މީޓަރާއި ދެމެދުއެވެ.

ވިލާތަކުގެ އިތުރުން ރިސޯޓަށް ޚާއްސަކަމެއް ގެނެސްދެނީ ރިސޯޓުގައި ހުންނަ ޓްރީޓޮޕް ރެސްޓޮރެންޓާއި ސްޕާއާއި ޖިމް، ޔޯގާ ޕެވިލިއަން އަދި ބިއުޓީ ސެލޫންއިންނެވެ.

ރިސޯޓަށް އަންނަ ފަތުރުވެރިންނާއި މެހެމާނުންނަށް ރިސޯޓުގައި ޚާއްސަ ސްޕޯޓްސް އަދި ޑައިވް ސެންޓަރެއް ޤާއިމްކޯށްފައިވާއިރު ތަމްރީނު ލިބިފައިވާ މެރިން ބަޔޮލޮޖިސްޓުންގެ އެހީގައި ޑައިވްކުރުމާއި ސަރފްކުރުމުގެ ތަފާތު ހަރަކާތްތައް ތަޖުރިބާކޮށްލެވޭނެއެވެ.

ޖޭ ޑަބްލިއު މެރިއޮޓް ބްރޭންޑުން ރިސޯޓު ހުޅުވުމުގެ ފަހު ތައްޔާރީތައް ވަމުން އަންނައިރު މިހާރު ވެސް މި ބްރޭންޑުން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަމުން އެބަދެއެވެ. އެއީ އެސް.ޓީ ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓާއި ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ޑަބްލިއު މޯލްޑިވްސް މި ތިން ރިސޯޓެވެ.