ސިޔާސީ

ކެމްޕެއިން ދަތުރުތަކުގައި ރަސްމީ ލޯންޗުކޮޅު ބޭނުން ކުރަނީ ސަލާމަތީ ސަބަބުތަކަށް - ތަރުޖަމާން


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ރަސްމީ ލޯންޗުކޮޅު ބޭނުން ކުރަމުން ގެންދަވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ދާދިފަހުން ވަނީ ކެމްޕެއިން ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށްވެސް ވަޑައިގެންފައެވެ. އެގޮތުން އައްޑޫ ސިޓީގައި ވަކިން އޮންނަ ހުޅުމީދޫއަށް ވެސް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. ހުޅުމީދޫއަށް ވަޑައިގަންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރު ކުރެއްވުމަށް ޚާއްސަ ކުރައްވާފައިވާ ލޯންޗުކޮޅުގައެވެ. އެ ލޯންޗުކޮޅުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ބައެއް އެހެން ބޭފުޅުން ވަނީ ދަތުރުކުރައްވާފައެވެ. އެކަމާ ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙުގެ ތަރުޖަމާން އިބްރާޙީމް ޙޫދު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުގައި ރިޔާސީ ލޯންޗުކޮޅު ބޭނުންކުރައްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ޤައުމީ ދިފާޢީ ބާރުން ކަމަށެވެ. ހޫދު ވިދާޅުވީ މިހާތަނަށް ރައީސް ކުރެއްވި ކެމްޕެއިންގެ ހުރިހާ ދަތުރުފުޅެއްގައިވެސް ހުރިހާ ޚަރަދެއްވެސް ކުރީ އެމްޑީޕީން ކަމަށެވެ. އޭގެތެރޭގައި ރައީސްގެއާއި އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރެއްވި ވަފްދާއި، އެމަނިކުފާނުގެ ސެކިއުރިޓީ އޮފިސަރުންގެ ހުރުމާއި ދަތުރުގެ ޓިކެޓައި ހުރިހާ ޚަރަދެއްކުރެއްވީ އެމްޑީޕީން ކަމަށް ޙޫދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕާޓީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި ސަލާމަތީ ސަބަބުތަކަށްޓަކައި އެމްއެންޑީއެފުން ފުރިހަމަކުރަންޖެހޭ ކަންކަން އެފަރާތުން ފުރިހަމަކުރައްވާނެ ކަމަށެވެ. ކެމްޕެއިންގެ ހަރަކާތްތަކަށް ދައުލަތުގެ އެއްވެސް އެއްޗެއް ބޭނުން ނުކުރާކަމަށް ހޫދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫއަށް ރިޔާސީ ލޯންޗުކޮޅުގައި ރައީސް ޞާލިޙްގެ އަރިހުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިގަތީ ރައީސް ޞާލިޙްގެ އެދިވަޑައިގަތުމަކަށްކަމަށާއި، އެއީ ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ކުރައްވާ އިޙްތިރާމެއްކަމަށް ހޫދު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދަކީ ވެސް އިއްޒަތް ލިބިވަޑައިގަންނަވާނެ ބޭފުޅެއްކަމަށް ހޫދު ވިދާޅުވިއެވެ.

"ކެމްޕެއިނަށް ދިޔަ އެންމެން އިންކުލޫޑިން ރައީސްގެ އެންމެ "ކްލޯޒް" ޕްރޮޓެކްޝަން ޓީމަށްވެސް ޚަަދުކުރެއްވީ އެއަރޓިކެޓާއި، އެމީހުންގެ ހުރުންވެސް ހަމަޖެއްސީ ޕާޓީން އިނގޭތޯ. ކޮންމެ ތަނަކަށް ވަޑައިގަތަސް ރައީސްގެ ހައިސިއްޔަތު އޮންނާނެ. އެހެންވެ ރައީސްގެ ސެކިއުރިޓީޢަށް ކުރައްވަންޖެހޭ ކޮންމެ ކަމެއް އެބޭފުޅުން ކުރައްވާނެ،" ޙޫދު ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދު ބަލަހައްޓާނީ ދައުލަތުން ނޫން ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު، ކުރީގެ ސަރުކާރުގައި ކެމްޕެއިން ޚަރަދުތައް ރައީސް އޮފީހުން ކުރިކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.