ޚަބަރު

އެސްއޯއީގެ ފައިސާ އެހީ އެސޯސިއޭޝަންތަކަށް ވެސް ލިބެން ޖެހޭނެ - އަލީ ވަހީދު


އެސްއޯއީގެ ދަށުން ސަރުކާރުން ފައިސާ ދޭނީ ހަމައެކަނި ފުޓްބޯޅަ ކުލަބްތަކަށް އެކަނި ނޫންކަމަށާއި، އެސްއޯއީގެ ދަށުން ކުޅިވަރު އެސޯސިއޭޝަންތަކަށްވެސް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެކްޓިންގ ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބުން އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލް ކުރުމަށް މިއަންނަ ހުކުރު ދުވަހު ކޮންގެރެސްއެއް ބޭއްވުމަށް މިހާރުވަނީ ކުލަބްތަކަށް ދަޢުވަތުދީފައެވެ. ވިކްޓްރީ ސްޕޯޓްސް ކުލަބުން އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ބައްސާމަށް ތާއީދު ކުރާ ފަސް ކުލަބްއާއެކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެބައްދަލުވުމުގައި ބައްސާމް ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއެކު ބެއްވި ބައްދަލުވުމަށްފަހު އެސްއޯއީގެ ދަށުން ކުލަބްތަކަށް ފައިސާ ދޭނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށެވެ. ނަމަވެސް ފަހުން އޭގެ އެއްވެސް ޖަވާބެއް ސަރުކާރުން ދެއްވާފައި ނުވާކަމަށެވެ. އަދި ސަރުކާރުން އެކަށީގެންވާ ގޮތުގައި އިޖާބައެއް ނުލިބުމުން މިހާރު އެފްއޭއެމުން ކުލަބްތަކަށް ފައިސާ ދޭން ނިންމާފައިވާކަމަށް ބައްސާމް ވިދާޅުވިއެވެ.

މިކަމަށް އިޝާރާތްކޮށް އެކްޓިން ސްޕޯޓްސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސަރުކާރާއި ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިޙު ބަދުނާމުވާ ގޮތަށް ބައްސާމް ވާހަކަނުދެއްކުމަށާއި މިސަރުކާރަށް ވުރެއް ބޮޑަށް ކުޅިވަރަށް އަޅާލާނެ ސަރުކާރެއް ނާންނާނެކަމަށެވެ. ކޮންގްރެސްއާއި ދިމާކޮށް ކުލަބްތަކަށް ބިރުދައްކާ ސަރުކާރު ބަދުނާމްވާ ގޮތަށް ވާހަކަދެއްކުމުން ކުރާނެ ފައިދާއެއް ނޯންނާނެކަމަށާއި އެކަމުގެ ސަބަބުން ކުލަބްތަކާއި އެފްއޭއެމާއި މިހާރުވެސް އުފެދިފައިވާ ހިޔާލުތަފާތުވުންތައްދާނީ އިތުރުވަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބައްސާމްއެއް ނޫން ސަރުކާރުގެ ބަސް ބުނާނީ. ސަރުކާރުން ސަރުކާރުގެ ބަސް ބުނާނެ. ސަރުކާރުން ނިންމާފައެއް ނޯންނާނެ އެއްވެސް އިރެއްގައި ކުލަބްތަކަށް ފައިސާ ނުދޭކަށް. ސަރުކާރުން ކުލަބްތަށް އިދަޖެހިގެންދާތަން ބަލާކަށް ނޯންނާނެ. ސަރުކާރުން ކުލަބްތަށް ކޮޅަށް ނަގާނަން. ސަރުކާރުގެ ވިސްނުމަކީ ފުޓްބޯޅަ ކުލަބްތަކަށް އެސްއޯއީގެ ދަށުން ލިބުނު އެހީތެރިކަން އެހެން ކުޅިވަރު އެސޯސިއޭޝަންތަކަށްވެސް ލިބެންޖެހޭ. ކުލަބްތަކުގެ އިތުރުން މިސަރުކާރުން އެސޯސިއޭޝަންތަކަށްވެސް އެސްއޯއީގެ ދަށުން ފައިސާ ދޭނެ. މިއަދުގެ ސަރުކާރަކީ ކުޅިވަރަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ސަރުކާރެއް. ސަރުކާރުން ހުރިހާ ކުޅިވަރަކަށްވެސް އެހީތެރިކަން ދޭނެ. މިހާރުވެސް އެފްއޭއެމް ނޫނީ އެހެން ހުރިހާ އެސޯސިއޭޝަންއަކުން ވަރަށް އެއްބާރުލުންދޭ." ބައްސާމް ބުންޏެވެ.

އަދި އެއްވެސް އިރެއްގައި ސަރުކާރުން އެސްއޯއީގެ ދަށުން ފައިސާ ނުދޭނެ ވާހަކައެއް ބުނެފައިނުވާނެކަމަށާއި، ސަރުކާރުގެ ވިސްނުމަކީ އެސްއޯއީ ފުޅާކޮށް އެސޯސިއޭޝަންތަކަށްވެސް ފައިސާ ދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.