ޚަބަރު

މަސްވެރިންގެ ޕާރކްގައި ކްރޫޒް ލައިނަރ ޓާރމިނަލްއެއް އަޅަނީ


މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ކްރޫޒް ލައިނަރ ޓާރމިނަލަކާއި، ޢާންމު ފާހާނާތަކަކާއެކު ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މާލެ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ މައުލޫމާތު މާލެ ސިޓީގެ ރައްޔިތުންނާ ޙިއްޞާ ކުރައްވަމުން މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މަސްވެރިންގެ ޕާރކް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރިއަށްއޮތް 2 ދުވަހެއްގެ ތެރޭގައި އެތަން ބަންދުކުރާނެކަމަށެވެ.

މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށްވެސް ބޭނުންކުރެވޭ ފެންވަރުގެ ޢާންމު ފާހާނާތަކަކާއި، މާލެ އަންނަ ބޭރުގެ ބޮޑެތި ކްރޫޒް ލައިނާތަކަށް ބޭނުންވާ ޚިދުމަތްތައް ދެވޭނެފަދަ ޓަރމިނަލަކާއެކުކަމަށް މޭޔަރ ވިދާޅުވިއެވެ. މި ޓަރމިނަލް ތަރައްޤީކޮށް ނިމުމާއެކު ކްރޫޒް ލައިނަރ ތަކުން މާލެ އަންނަ ފަތުރުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވި، ރާއްޖެ އަންނަ ބޮޑެތި ކުރޫޒް ލައިނަރތަކުގެ ޢަދަދު އިތުރުވާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

މާލޭގައި ފަތުރުވެރިންނާއި، ދަތުރުވެރިން ބޭނުންކުރުމަށް އެކަށީގެންވާ ޢާންމު ފާޚާނާއެއް ނެތް މައްސަލަ ފާހަގަކުރެވިފައިވާކަމަށާއި، މަސްވެރިންގެ ޕާރކްގައި ތަރައްޤީކުރާ ފާހާނާތަކަކީ ފެންވަރު ރަނގަޅު ފާހާނާތަކަކަށް ވާނެކަމަށް ސިފާ ވިދާޅުވިއެވެ.