ސިޔާސީ

އައްޑޫ ދާއިރާތައް އިތުރުކުރުމަށް ހުށައެޅި މައްސަލަ ސިވިލްކޯޓުން ބޭރުކޮށްލައިފި


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީއަށް މިހާރު ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް އިތުރު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލައިފިއެވެ. އައްޑޫ ސިޓީއަށް ދާއިރާތައް އިތުރުކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށައަޅަފައިވަނީ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު ހުސްނުއްސުޢޫދާއި، މަރަދޫފޭދޫ ފައިވްރޯޒް، މުމްތާޒް ޢަލީއެވެ.

އެފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައިވަނީ، މަރަދޫފޭދޫއަކީ މީދޫ ދާއިރާގެ ބައެއްގެ ގޮތުގައި ހިމަނާފައި އޮތުމުން އެރަށް ލިބެންޖެހޭ ބައެއް ހައްގުތައް ގެއްލޭ ކަމަށް ވިދާޅުވެއެވެ. އެއާއެކު އެފަރާތުން ވަނީ މަރަދޫފޭދޫ އަކީ އިންތިޚާބީ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދިފައެވެ. މި މައްސަލައާ ގުޅިގެން ދަޢުވާ އުފުލި ފަރާތުން ވަނީ ކޯޓުން އެކަމަށް ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ޙުކުމެއް އިއްވަންދެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ ކަންކަމުގައި އައްޑޫ ސިޓީގެ ކަންކަން މަޑުޖައްސާލުމަށް އަންގާފަދަ ވަގުތީ އަމުރަކަށްވެސް އެދިފައިވެއެވެ.

ސިވިލް ކޯޓުން މި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވަނީ، ދައުވާ ކުރުމަށް އެދި ހުށަހަޅާ ކަންކަމަކީ އެކަންކަމުގެ މައްޗަށް ހުށަހަޅާ ހުށަހެޅުން ރިވިއު ކުރުމުގެ ބާރު ސިވިލް ކޯޓަށް ލިބޭ ގޮތަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަކަށް ނުވާތީކަމަށް ބަޔާންކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީއަށް މިހާރު ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް އިތުރު ކޮށްދިނުމަށް ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާސް ހައިކޯޓަށް ލިބިގެން ނުވާކަމަށް އެކޯޓުންވެސް ކުރިން ކަނޑައަޅަފައިވެއެވެ.

މި މައްސަލަ ސިވިލް ކޯޓުން ނުބެލުމަށް އެކޯޓުން ނިންމާފައިވާއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތާއި، އިންތިޚާބީ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކަނޑައަޅާފައެވެ.