ޚަބަރު

ގުރައިދޫ މަރުކަޒުގައި އަނިޔާކުރިކަމަށް ބުނާ މީހާގެ މައްސަލަ ބަލަން ފަށައިފި


ގުރައިދޫ މަރުކަޒުގައި އޮތް ޚާއްޞަ އެހީއަށް ބޭނުންވާ މީހަކަށް އަނިޔާކޮށްފައިވާކަމަށް ބުނާ މައްސަލަ ބަލަމުންދާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަނިޔާކުރިކަމަށް ބުނާ މީހާގެ މެޑިކަލް ރިޕޯޓްތައް އައިޖީއެމްއެޗުން ބަލަމުން އަންނަކަމަށާއި އެ ކުއްޖާއަށް އަނިޔާކޮށްފައިވާކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައި ނުވާކަމަށެވެ. އަދި މި މީހާގެ ޙާލަތާ ގުޅޭ ހުރިހާ މަޢުލޫމާތެއް އޭނާގެ އާއިލާއާ ވަގުތުން ވަގުތަށް ޙިއްޞާ ކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

އަނިޔާކުރިކަމަށް ބުނާ ބަލި މީހާއަކީ އުމުރުން 28 އަހަރުގެ މީހެއްކަމަށް މައުލޫމާތުލިބެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 42 އަހަރުގެ މީހަކު އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ނިޔާވި މައްސަލަ މިނިސްޓްރީ އޮފް ޖެންޑަރއިން ގެންދަވަނީ މިހާރުވެސް ތަޙުޤީޤުކުރައްވަމުންނެވެ.