މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންކުރި އަމުރާ ގުޅިގެން ހައިކޯޓުގައި ކުރިއަށްގެންދިޔަ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފިއެވެ.
ކޯޓު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ސިއްރުކޮށްގެން ކުރިއަށްގެންދާ އުސޫލުގެ ދަށުން ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
އެހެން ނަމަވެސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިން މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ޢާއްމުކޮށް ހުޅުވާލައިގެންނެވެ. މިމައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ހައި ކޯޓުގައި ބޭއްވި މިއީ ފުރަތަމަ ފަހަރެވެ.
ޔާމީން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ނިންމާލައްވަމުން ހައިކޯޓުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ދެން އޮންނާނީ ހުކުމް އިއްވުންކަމަށެވެ. އެހެން ނަމަވެސް ހުކުމް އިއްވާނެ ތާރީޚެއް އެކޯޓުން އިޢުލާނެއް ނުކުރައްވައެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުއްލަވާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޔާމީންގެ އަމިއްލަފުޅު އެކައުންޓްގައި ލޯންޑަރ ކުރެއްވިކަމުގެ ތުހުމަތުގައެވެ.
މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ހައްޔަރުކޮށްދެއްވުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓުގައި އެދިވަޑައިގެންފައި ވަނީ މިމައްސަލައިގެ ޝަރީއަތަށް ހުށަހަޅާފައިވާ ހެކީންނަށް އެމަނިކުފާނު ނޫފުޒުފޯރުވާ ކަމުގެ ތުހުމަތުގައެވެ.
ޕީޖީގެ އެދިވަޑައިގަތުމާއި އެއްގޮތަށް ކޯޓުން ވަނީ ރިމާންޑް ޖަލެއްގައި ޔާމީން ބަންދުކުރުމަށް އަމުރުކުރައްވާފައެވެ. ޕީޖީ އޮފީހުގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ދިފާޢުގައި ޔާމީން ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ޝަރީޢަތުގެ މަޖިލީހުގައި ޔާމީން ވަނީ ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ކޮންބައެއްކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވެފައެވެ
ކްރިމިނަލް ކޯޓުގެ ހުކުމާއި ގުޅިގެން ޔާމީން ބަންދުކޮށްފައިވަނީ މާފުށީ ޖަލުގެ ޚާއްސަ ޔުނިޓެއްގައެވެ. ޔާމޫން ބަންދުކުރިފަހުން ތިން ފަހަރެއްގެ މަތިން ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.