ޚަބަރު

ވެމްކޯއަށް ސަރުކާރުން ހޭދަކުރަންޖެހެނީ ގޭބިސީތަކުން ފައިސާ ނުދައްކާތީ


ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ހިންގުމަށް ސަރުކާރުން ހޭދަކުރަންޖެހެނީ، ކުނި އުކުމުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާތީކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. ވެމްކޯއިން ވިދާޅުވީ ކުނި އުކުމުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ގަވާއިދުން ފައިސާ ދައްކާނަމަ އެކުންފުންޏަކީ ލިބޭ އާމްދަނީން ހިންގުމުގެ ޚަރަދު ބެލެހެއްޓުމުގެ ޤާބިލުކަންހުރި ކުންފުންޏެއް ކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެމްކޯގެ ފައިނޭންސް މެނޭޖަރ މުޙައްމަދު އިޤްބާލް ވިދާޅުވީ، ކުނި އުކުމުގެ ޚިދުމަތަށް ގަވާއިދުން ފައިސާ ދައްކަމުންދަނީ، ޚިދުމަތް ހޯދާ 20،000 ގޭބިސީގެ ތެރެއިން 40 އިންސައްތަ ގޭބިސީ ކަމަށެވެ. ގަވާއިދުން ފައިސާ ނުދައްކާ 60 އިންސައްތަ ގޭބިސީ ހުރި އިރު، މީގެ ތެރޭގައި ދިގު މުއްދަތަކަށް ފައިސާ ނުދައްކާ ގޭބިސީތައް ހުރިކަމަށް ވެމްކޯއިން މައުލޫމާތުދެއްވައެވެ. އެގޮތުން އެކުންފުންޏަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާ ނުލިބި އެބަހުރިކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ވެމްކޯގެ ފައިނޭންސް މެނޭޖަރ ވިދާޅުވީ މިކަމަގެ ސަބަބުން ވެމްކޯ ހިންގުމަށާއި، މުވައްޒަފުންނަށް މުސާރަ ދިނުމަށް ސަރުކާރުގެ ބަޖެޓުން ހޭދަކުރަން ޖެހޭކަމަށާއި، މިއީ ޚިދުމަތް ދިނުމުގައި ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"
"ކުންފުނި ހިންގަން ސަރުކާރުން މިނެގެނީ އެންމެހާ ރައްޔިތުންގެ ޓެކްސް ފައިސާ. އަދި ވެމްކޯއަކީ ޖީއެސްޓީއަށް ރެޖިސްޓަރޑް ކުންފުންޏަކަށްވާތީ، ހަމަ އެ ފައިސާވެސް ސަރުކާރައް ދައްކަންޖެހޭ. އަދި ފައިސާ ނުދެއްކިއްޖެއްޔާ ޖޫރިމަނާވެސް ނެގޭނެ."
ވެމްކޯގެ ފައިނޭންސް މެނޭޖަރ މުޙައްމަދު އިޤްބާލް

ވެމްކޯއިން ގެންދަނީ އެކުންފުނިން ޚިދުމަތް ހޯދައި، ފައިސާ ނުދައްކާ ފަރާތްތަކާއި، ކުނި އުކުމުގެ ޚިދުމަތަށް ރެޖިސްޓްރީ ނުކުރާ ފަރާތްތައް މި ޚިދުމަތަށް ރަޖިސްޓްރީކޮށް، ގަވައިދުން ފައިސާ ދައްކަމުން ދިއުމަށް އިލްތިމާސްކުރައްވަމުންނެވެ. މިކަން ކަށަވަރު ކުރެއްވުމަށް ވެމްކޯއިން ވަނީ ޚާއްޞަ ސަރވޭއެއްވެސް ފައްޓަވާފައެވެ. މި ސަރވޭގައި މާލޭގެ ހުރިހާ ގޭބިސީތަކަށް ވެމްކޯގެ މުވައްޒަފުން ޒިޔާރަތްކޮށް، ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަވާއިގުން ފައިސާ ނުދައްކާ ފަރާތްތައް ދެނެގަނެ، އެފަދަ ފަރާތްތަކަށް ގަވައިދާއި އެއްގޮތަށް ކުނިއުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ވެމްކޯއިން އެހީތެރިކަން ދިނުމަށްވަނީ ހަމަޖެހިފައެވެ.

ގޭބިސީތަކުން އާންމުގޮތެއްގައި އުފެދޭ ކުނި ވެމްކޯއިން އުކާދެނީ 100 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.