ވިޔަފާރި

ފަސްވަނަ މެރިން އެކްސްޕޯ، ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން އެންޑޯޒްކޮށްފި


މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން، ފަސް ވަނަ މޯލްޑިވްސް މެރިން އެކްސްޕޯ އެންޑޯޒްކޮށްފިއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެކްސްޕޯ އެންޑޯސްކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ މަލީހު ޖަމާލެވެ. އަދި ބޯޓިންގ އެސޯސިއޭޝަންގެ ފަރާތުން މި ލިޔުމާއި ހަވާލުވެވަޑައިގަތީ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް ހަމީދުއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ މިފަހަރު ޚާއްސަކޮށްފައިވަނީ މެރިން ޓެކްނޮލޮޖީ، މި ތީމަށެވެ. މި ތީމްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ބޯޓިންގ އަދި މެރިން އިންޑަސްޓްރީ ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ދިރާސާކުރެވިގެންދާނެކަމަށް ބޯޓިންގ އެސޯސިއޭޝަނުން ބުނެއެވެ.

މިއަހަރު ބާއްވާ ފަސްވަނަ ބޯޓިންގ އެކްސްޕޯގައި ބޯޓިންގް އަދި މެރިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް އެއް ތަނަކުން ދައްކާލެވޭނެއެވެ.

ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ ލިވަބޯޑް އިންޑަސްޓްރީ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި 2007 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. ފާއިތުވި އަހަރުތަކުގައި މިދާއިރާ ކުރިއެރުވުމަށްޓަކައި މި އެސޯސިއޭޝަނުން މުހިއްމު ގިނަ ޚިދުމަތްތަކެއް ކޮށްފައިވެއެވެ.