ސިޔާސީ

މުޒާހަރާގައި ގަސްތުގައި ފުލުހުންނަށް އަނިޔާކޮށްފައިވޭ- ޕޮލިސް


އިދިކޮޅު ޕާޓީތަކުން މާލެ ތެރޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި ބައެއް ފަރާތްތަކުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުތަކަށްވަދެ ގަސްތުގައި ފުލުހުންނަށް އަނިޔާ ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރޭ ބައެއް ފުލުހުންނަށް މުޒާހަރާގެ ބައިވެރިން އަނިޔާ ކުރުމުގެ އިތުރުން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ބޭނުންކުރި ވެހިކަލެއްގެ ބިއްލޫރިގަނޑުވެސް ތަޅާލާފައި ވާކަމަށެވެ.ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ޖުމްލަ ނުވަ މީހުން ގެންގޮސްފައި ވޭ ނަމަވެސް އޭގެތެރެއިން އެކަކު ރޭ ވަނީ ދޫކޮށްލާފައެވެ. ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރޭ ގަލޮޅު ދެކުނު ދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު މަހްލޫފް ވެސް ހިމެނެއެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ރާއްޖެޓީވީގެ ދެ ނޫސްވެރިއަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އަށް މީހުން މުއްދަތުޖެހުމަށް ކްރިމިނަލްކޯޓަށް މިއަދު ވަނީ ހާޒިރުކޮއްފައެވެ.އޭގެތެރެއިން މެމްބަރު މަހްލޫފާއި ދެނޫސްވެރިންގެ ބަންދަށް ކޯޓުން ވަނީ ފަސްދުވަސް ޖަހައިދީފައެވެ. މެމްބަރު މަހްލޫފް ހައްޔަރު ކުރުމާއި ގުޅިގެން އިދިކޮޅު އެމްޑީޕީން އެކަން ވަނީ ކުށްވެރިކޮއްފައެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން ރޭގެ މުޒާހަރާ އަށް ހުރަސް އަޅާފައި ވަނީ ޤާނޫނު ތަކާއި ޤާނޫނު އަސާސީއާއި ހިލާފަށް ކަމަށެވެ. އަދި މެމްބަރު މަހްލޫފް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ ޓާގެޓަކަށް ހަދައިގެން ކަމަށް އެޕާޓީން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މުޒާހަރާތަކަކީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކެއްކަމަށާއި ފުލުހުން ބާރުގެ ބޭނުންކުރަމުންދާކަމަށް އެޕާޓީތަކުން ތުހުމަތުކުރެއެވެ.ރޭގެ މުޒާހަރާގެ ތެރެއިން މަހުލޫފް ހައްޔަރުކޮށްފައި ވަނީ އެމްއެމްއޭ ހުންނަ ސަރަހައްދަށް ނުވަދެވޭގޮތަށް ފުލުހުން ޖަހާފައި ވާ ބެރިކޭޑްތަށް ފަޅާލައި، ބަންދުކޮށްފައިވާ ސަރަހައްދުގެ ތެރެއަށް ވެންނެވުމުންނެވެ.ރާއްޖެޓީވީ ދެނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައިވަނީވެސް ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ނުކިޔަމަންތެރިކަން ދެއްކުމާއި ގުޅިގެންކަމަށް ފުލުހުންބުނެއެވެ.