ރާއްޖެއާއި އީޔޫއާ ދެމެދު މަޝްވަރާ ކުރުމަށް ބޭއްވި ހަތަރުވަނަ އީޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޮގްގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން ރާއްޖެ ބަލައިގެންފައިވާ މިންވަރު ހާމަވެއްޖެކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި 4ވަނަ އީޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޮގަށްފަހު މަޢުލޫމާތު ދެއްވަމުން ފޮރިން މިނސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް އަދި މިނިވަން މުވައްސަސާތައް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އެ ބޭފުޅުން ވަރަށް ބޮޑަށް ތާއީދުކުރައްވައި އީޔޫގެ ޤައުމުތަކުން މި ސަރުކާރު ބަލައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ހަތަރުވަނަ ޕޮލިސީ ޑައިލޮގް ބޭއްވިއިރު ފެނިގެންދިޔައީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމު ތަކުން ރާއްޖެ ބަލައިގެންފިކަން. ރާއްޖޭގެ ލޮބުވެތި ރައްޔިތުން މިގެނައި ބަދަލު ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިކަން." ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ބައްދަލުވުމުގައި އިގްތިޞާދީ ގޮތުން ރާއްޖެއަށް ބަދަލު ގެނައުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަރަށް ފުޅާކޮށް މަޝްވަރާ ކުރެވުނު ކަމަށާއި އެގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތަކާއި އެ މައްސަލަތައް ހައްލުކުރުމާއި މެދު ވާޙަކަފުޅު ދެކެވި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ދިވެހިން ޔޫރަޕިއަން ޔޫނިއަންއަށް ދަތުރުކުރުމުގައި މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހޯދުމާމެދު މަޝްވަރާ ކުރެވުނުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"ރާއްޖޭގެ މަސްވެރިން ބާނާ މަސްކޮޅު ޔޫރަޕްގެ މާކެޓަށް ވިއްކުމުގައި ދިމާވެފައިވާ އެއް ދައްޗަކީ %24ގެ ޑިއުޓީ. އެ ކުޑަކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު. އެކަމަށް އީޔޫގެ ގައުމުތަކުން މަޝްވަރާކޮށްދޭނެކަމުގެ ޔަގީންކަން ދެއްވި." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު މި ބައްދަލުވުން ނުބޭއްވުނީ ރާއްޖެއާއި އީޔޫގެ ޤައުމުތަކާދެމެދު އޮތް ގުޅުން ކުރީގެ ސަރުކާރުގައި ހީނަރުވެފައި އޮތުމުންކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ އިގްތިޞާދު ބަރޯސާވެފައިވާ ފަތުވެރިކަމުގެ ސިނާއަތަށް އީޔޫގެ ޤައުމުތަކުން ގިނަ އިންވެސްޓްތަކެއްކޮށް
އީޔޫގެ ޤައުމުތަކަކީ އިގްތިޞާދީ ގޮތުން ރާއްޖެއަށް މުހިންމު ޤައުމުތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކާއި އޮތީ ވަރަށްބޮޑު ދުރުކަމެއް އައިސްފައި. އެކަމަކު އިގްތިޞާދީ ގޮތުން އަޅުގަނޑުމެންނަށް އެހާމެ މުހިންމު ޤައުމުތަކެއް ހިމެނޭ ސަރަޙައްދެއް ޔޫރަޕިއަން ޔޫނިއަން އަކީ." ޝާހިދު ވިދާޅުވިއެވެ.
ހަތަރު ވަނަ އީޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޮގާއި ގުޅޭގޮތުން ނެރުނު ޖޮއިންޓް ސްޓޭޓުމަންޓުގައިވަނީ ނިމިގެން ދިޔައީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން މިބައްދަލުވުމުގެ ތެރެއިން ޔޫރަޕިއަން އިންވެސްޓްމެންޓް ޑައިލޮގެއް މިއަހަރުގެ ތެރޭގައި ބާއްވަން މަޝްވަރާކޮށްފައިވާ ކަމަށާއި އެޑައިލޮގްގެ ސަބަބުން ޔޫރަޕްގެ އިތުރު އިންވެސްޓްމެންޓުތައް ރާއްޖެއަށް އަންނާނެކަން ވަނީ ފާހަގަ ކުރައްވާފައެވެ.