ޚަބަރު

ވޯޓު ކަރުދާސް ޗާޕުކޮށްދިނުމަށް އަނެއްކާވެސް އިޢުލާނުކޮށްފި


މަޖިލީހުގެ އިންތިޚާބުގައި ބޭނުން ކުރާނެ ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިއުލާނު ބާތިލްކޮށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އަނެއްކާވެސް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އީސީން ވިދާޅުވީ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާނު ބާތިލްކޮށް އެ ފުރުޞަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

އީސީން ވިދާޅުވީ އެކަމަށް އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށާއި، އެ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ޕްރޮޖެކްޓް ނަންބަރާއި ކޮންޓްރެކްޓަރުގެ ނަމުގެ އިތުރުން ބީލަން ހުޅުވަން ކަނޑައަޅާފައިވާ ވަގުތާއި ތާރީޚް ލިޔެފައި އޮންނަންވާނެ ކަމަށެވެ.

މީގެ އިތުރުން އެކަމަށް ބިޑް ކުރާ ފަރާތްތަކުން ސެކިޔުރިޓީގެ ގޮތުގައި ތިރީސް ފަސް ހާސް ރުފިޔާ އަދި ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް އިން ސައްތަ ހުށަހަޅަން ޖެހޭނެ ކަމަށާއި މަސައްކަތުގެ އަގު ލިބޭނީ، އެޑްވާންސް ޕޭވްމަންޓްގެ ގެރެންޓީއެއް ހުށަހެޅުމުން ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް އީސީން ހުޅުވާލި ފުރުޞަތުގައި އެމް ސެވަން އާއި ނޮވެލްޓީން ވަނީ އަންދާސީ ހިސާބު ހުށަހަޅާފައެވެ. މީގެ ތެރެއިން އެމް 7 އަކީ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކޮށްދިން ކުންފުންޏެވެ. އެ އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޕްރިންޓް ކުރަން ނޮވެލްޓީން ބިޑް ހުށަހަޅައި، ގިނަ ޕޮއިންޓް ލިބިފައި ވަނިކޮށް އެމް ސެވެންއަށް އެ މަސައްކަތް ދިނީ ވަކި ގޮތަކަށް އިންތިޚާބުގެ ކަންކަން އަނބުރާލުމަށްކަމަށްބުނެ، ބައެއް ފަރާތްތަކުން ވަނީ އޭރު ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހާއި ގުޅުވައިގެން ގިނަ މައްސަލަތަކެއް ފެންމަތިކޮށް އެ މައްސަލަތައް ވަނީ ސުޕްރީމްކޯޓަށް ހުށައަޅާފައެވެ. އެގޮތުން ވޯޓު ކަރުދާސް ޗާޕުކުރަން ވަކި ބަޔަކަށް ހަވާލުކުރުމާއި ސެކިއުރިޓީ ފީޗަރސް ބަލާފައިނުވާކަމަށް ބުނާ މައްސަލަތައް ހިމެނެއެވެ. މި މައްސަލަތައް ހުށައަޅުއްވައި އިންތިޚާބު ބާތިލުކޮށްދެއްވުމަށް އެދިވަޑައިގަތީ އިންތިޚާބުން ނާކާމިޔާބު ވެޑައިގެންނެވި ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހާއި ގުޅޭގޮތުން އުފެދުނު މައްސަަލަތަކާއި ގުޅިންގެން އީސީން ވަނީ
މަޖިލިސް އިންތިޚާބުގައި ބޭނުން ކުރާ ވޯޓު ކަރުދާހުގައި ސެކިއުރިޓީ ފީޗަރއެއް ހިމެނުމުގެ އިތުރުން މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާހުގައި އިލިކްޝަންސް ކޮމިޝަންގެ ތައްގަނޑު ޖަހާފައި ހުންނާނެ ކަމަށް ވިދާޅުވެފައެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި 39 ރިސޯޓާއި ރާއްޖެއިން ބޭރުގެ 7 ޤައުމެއް ހިމެނޭ ގޮތަށް 507 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި މި އިންތިޚަބުގައި ވޯޓުލުމުގެ ހައްޤު ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހަކަށް ލިބިގެންވެއެވެ.